ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ހިމެނޭ ޓީމުތައް ރާއްޖޭގެ އަތޮޅުތަކަށް ކުރާ ދަތުރުތައް މިއަދު ފަށައިފިއެވެ.
މިޓީމުތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުކުރާގޮތަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވަޒީރުން ހިމެނޭ މިޓީމުތަކުން ބައެއް އަތޮޅުތަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ މިއަދުވަނީ ބައްދަލުކުރައްވާފައެވެ.
މިދަތުރުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ލަފާފުޅާއެކު ރައްޔިތުންގެ ކަންކަން ގާތުން ބައްލަވާ ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ކުރައްވާ ދަތުރުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ކެބިނެޓުން މަސައްކަތްކުރައްވާނީ ރައްޔިތުންނާއި ގާތުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު މަސައްކަތްކުރެއްވުމަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ދަތުރުފުޅުތައް ފައްޓާވާނެ ކަމަށާއި، މިދަތުރުފުޅުތަކަކީ ސަރުކާރު ހިންގުމުގެ ޒިންމާއެއް ނުވަތަ ސިލްސިލާ މަސައްކަތެއްގެ ގޮތުގައި ކުރައްވާނެކަމެއް ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.