ޚަބަރު

ޔަހޫދީންގެ ބޯޓުފަހަރު މެލޭޝިޔާއަށް ވަނުން މަނާކޮށްފި


ޔަހޫދީންގެ އާގުބޯޓުތައް މެލޭޝިޔާގެ ބަނދަރުތައް ބޭނުންކުރުން އެ ޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. މެލޭޝިޔާގެ ސަރުކާރުން އެ ގޮތަށް ނިންމާފައިވަނީ ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުންނެވެ. މެލޭޝިޔާގެ ސަރުކާރުންގެ ނިންމުން އައިސްފައިވަނީ ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންގެ ބޯޓުފަހަރަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ޙަމަލާތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ މިހާރުން ފެށިގެން ޔަހޫދީންގެ ބޯޓުފަހަރު އެ ޤައުމުގެ ބަނދަރުތައް ބޭނުންކުރުން މަނާކޮށްފައިވާނެކަމަށާއި ޔަހޫދީންގެ އެއްވެސް މުދަލެއް މެލޭޝިޔާގެ އެއްވެސް ބަނދަރަކަށް ނުބޭލޭނެކަމަށެވެ. އެ ފިޔަވަޅުތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ޔަހޫދީންގެ އެންމެ ބޮޑު ޝިޕިން ކުންފުނިކަމަށްވާ ޒިމްއަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޔަހޫދީންގެ ބަނދަރުތަކަށް ދަތުރުކުރަމުންދާ ބޯޓުފަހަރު ވެސް މީގެ ފަހުން މެލޭޝިޔާގައި ބަނދަރުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިޔާގެ އާބާދީގެ %60 އަކީ މުސްލިމުންނެވެ. އެ ޤައުމަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރާ ޤައުމެކެވެ. އަދި އެއީ ޔަހޫދީންގެ ދަޢުލަތް ބަލައިގެންފައިވާ ޤައުމެއް ވެސް ނޫނެވެ. މެލޭޝިޔާއިން ވަނީ ޣައްޒާ އާރާސްތު ކުރުމަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ ޢާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްފައެވެ. އަދި އެއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ވެސް ގާތްގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ.