ކުޅިވަރު

ޗެރިޓީ ޝީލްޑް މާޒިޔާ ކާމިޔާބުކޮށްފި


ނިއުރޭޑިއަންޓް ބަލިކޮށް، އެފްއޭއެމް ޗެރިޓީ ޝީލްޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސް އުފުލާލައިފިއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗްގައި ނިއުރެޑިއަންޓްގެ މައްޗަށް މާޒިޔާ ކާމިޔާބު ހޯދީ އެކެއް ސުމަކުންނެވެ. 

މެޗްގައި މާޒިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ މެޗްގެ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި އަސަދުﷲ ޢަބްދުﷲ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ލިބުނީ އަސަދުﷲއަށެވެ. މިމެޗްގައި ނިއުރޭޑިއަންޓަށްވެސްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބި ބޭނުންކުރެވޭ ގޮތް ނުވެފައެވެ. އޭގެތެރޭގައި ފުރަތަމަ ހާފްގައި ރިލްވާން ވަހީދަށް ލިބުނު ފުރުޞަތާއި، މާޒިޔާއިން ލަނޑު ޖެހިފަހުން އަހުމަދު ނިޔާޒަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.

 މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް މެޗް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ އަހަރެވެ. މެޗް ނިމުމުން މާޒިޔާއަށް ޝީލްޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ބައްސާމް ޢަދީލް ޖަލީލްއެވެ. މިމެޗުން ލިބުނު ފައިސާގެ ފަންސަވީސް އިންސައްތަ މާޒިޔާއިން ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާކޮށްފައެވެ. 

މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗްގައިވެސް ބައްދަލުކުރާނީ ނިއުރެޑިއަންޓާއި މާޒިޔާއެވެ. ލީގުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނަވާރަވަނަ ދުވަހުއެވެ. އޭގެކުރިން އޭއެފްސީކަޕްގައިވެސް މިދެޓީމް ވާދަކުރާނެއެވެ.