ޚަބަރު

ޔަހޫދީންގެ ޙަމަލާތައް ޙަމާސަށް އަމާޒުކުރުމަށް އެމެރިކާއިން ގޮވައިލައިފި


ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށާއި އެ ޖަމާޢަތުގެ ޢިމާރާތްތަކަށް އަމާޒުކޮށް ދިނުމަށް އެމެރިކާގެ ދާޢިލީ ވަޒީރު އެންތޮނީ ބްލިންކެން ގޮވާލައްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބްލިންކެން ވިދާޅުވީ އެ ބަދަލާއެކު ޣައްޒާގެ ޢާންމުންނަށް ލިބޭ ގެއްލުން ކުޑަވާން ޖެހޭނެކަމަށެވެ. ބްލިންކެން ވަނީ ޙަމާސް ނައްތާލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގައި ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންންދާ ޙަމަލާތަކުގައި ޣައްޒާގެ ޢާންމުންނަށް ގެއްލުން ލިބޭ މިންވަރު ވީހާ ވެސް މަދުކުރުމަށް އެމެރިކާއިން ގޮވައިލައި ގޮވާލުން ތަކުރާރުވެސް ކުރައްވައިފައެވެ.

ބްލިންކެން އެ ގޮތަށް ވިދާޅުވެފައިވަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމާ ބެހޭ ޤަރާރަށް އދގެ ސަލާމަތީ މަޖިލީހުން ވޯޓު ދިނުން ފަސްކޮށްފައި އޮތް ދަނޑިވަޅެއްގައެވެ. ވޯޓު ދިނުން ފަސްކުރަން ޖެހުނީ ޤަރާރުގައި ހިމަނާފައިވާ ބަސްމަގާމެދު އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކުރުމުން އެ ކަން ޙައްލުކުރުމަށެވެ. އޭގެ އިތުރުން ޣައްޒާއަށް ވައްދާ އެހީގެ ގާފިލާތައް ބަލައި ފާސްކުރުމުގެ ޒިންމާ ހަމައެކަނި އދއަށް ދޭން ޤަރާރުގައި އޮތުމަކީ ވެސް އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމެކެވެ.

ފަލަސްޠީނުގެ ޢާންމުންނަށް ދެމުންދާ ޙަމަލާތައް ނިމުމަކަށް ގެނެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ދެ ޤަރާރަށް ވެސް އެމެރިކާއިން ވަނީ ހުރަސް އަޅައިފައެވެ.