ޚަބަރު

ޙޫޘީންގެ ޙަމަލާތަކުން އާގުބޯޓުތައް ރައްކާތެރިކުރުމުގެ ޙަރަކާތަށް ފިނި ތަރުޙީބެއް


ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ހޫޘީންގެ ޙަމަލާތަކުން ރަތް ކަނޑުގައި ދަތުކުރާ އާގު ބޯޓުތައް ރައްކާތެރިކުރުމުގެ މަސައްކަތަށް އެމެރިކާއިން އުފައްދާފައިވާ އަސްކަރީ އިއްތިޙާދާ ނުގުޅޭނެ ކަމަށް ބައެއް އެކުވެރި ޤައުމުތަކުން ބުނެފިއެވެ.

ޙޫޘީންގެ ޙަމަލާތަކުން ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންގެ ބޯޓުތައް ރައްކާތެރި ކުރުމުގެ މަސައްކަތް އެމެރިކާއިން އިސްނަގައިގެން ކުރާނެ ކަމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ ޢިއުލާނުކުރައްވައިފައެވެ. އަދި އެ މަސައްކަތުގައި ބައެއް ޤައުމުތަކުން ބައިވެރިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ކަމުގައި ބައިވެރިވާ ޤައުމުތަކަކީ އިނގިރޭސިވިލާތާއި ބަޙްރެއިނާއި ކެނެޑާއާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި ނެދަރލޭންޑްސާއި ނޯވޭއާއި ސޭޝެލްސާއި ސްޕެއިންއެވެ.

ފަރަންސޭސިވިލާތުގެ އަސްކަރީ ވުޒާރާއިން ބުނީ ރަތް ކަނޑާއި ވަށައިގެންވާ ސަރަޙައްދުގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ތާޢީދުކުރާ ކަމަށާއި އަދި މިހާރު ވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކަމަށެވެ. ނަމަވެސް އެމެރިކާއާއެކު ކުރަމުންދާ މަސައްކަތުގައި ފަރަންސޭސިވިލާތުގެ އިތުރު ކަނޑުގެ ސިފައިން ޙަރަކާތްތެރިވާނެ ކަމަށް ބުނެފައެއް ނުވެއެވެ.

އިޓަލީވިލާތުގެ އަސްކަރީ ވުޒާރާއިން ބުނީ ޤައުމީ މަސްލަޙަތު ޙިމާޔަތް ކުރުމަށް ނޭވަލް ޕްރިގޭޓް ވާޖީނިއޯ ރަތް ކަނޑަށް ފޮނުވާނީ އެ ޤައުމުގެ ޝިޕިން ކުންފުނިތަކުން އެދިއްޖެ ނަމައެވެ. އަދި އެއީ މިހާރު ވެސް އެ ޤައުމުން ކުރަމުން އަންނަ ކަމެއް ކަމަށް އެ ޤައުމުން ބުނެއެވެ. އިޓަލީވިލާތުން ބައިވެރިވާނީ ނޭޓޯ ނުވަތަ ވިލާތުގެ އިއްތިޙާދުން އިސްވެ ކުރިއަށްގެންދާ ޙަރަކާތްތަކުގައި ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން ބުނީ އެ ޤައުމުގެ ޑިސްޓްރޯޔަރ އެމެރިކާއިން އުފައްދާފައިވާ އަސްކަރީ އިއްތިޙާދާ ގުޅޭނެ ކަމަށެވެ. ނަމަވެސް ރަތް ކަނޑުގައި ދަތުރުކުރާ ބޯޓުތައް ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް އުފައްދައި އިއްތިޙާދު ހިންގަނީ އެމެރިކާ އިސްވެ އޮވެ ކަމަށްވެސް އިނގިރޭސިވިލާތުން ބުނެއެވެ.

މީގެ އިތުރުން ނެދަރލޭންޑްސާއި ނޯވޭގެ ސިފައިން ބަޙްރެއިނަށް ފޮނުވާނެ ކަމަށް އެ ޤައުމުތަކުން ވަނީ ބުނެފައެވެ. އެ ޤައުމުތަކުން އެ ގޮތަށް ބުނެފައި ވަނީ ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ޙަމަލާދީފިނަމަ، އެމެރިކާގެ މަނަވަރުތަކަށް ޙަމަލާ ދޭނެ ކަމަށް އެ ޖަމާޢަތުން އިންޒާރު ދީފައިވަނިކޮށެވެ. އަދި އެމެރިކާއަކީ ޙޫޡީން ބިރުގަންނަ ބައެއް ނޫން ކަމަށާއި އެ ޖަމާޢަތާ ސީދާ ހަނގުރާމައަކަށް ދާން ބޭނުންނަމަ އެކަން ހަނދާންކުރުމަށް ވެސް އެ ޖަމާޢަތުން ބުންޏެވެ.

ޔަހޫދީ ފައުޖުތަކާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރާ ހަނގުރާމައިގައި ފަލަސްޠީނަށް ތާޢީދުކުރުމުގެ ގޮތުން ޙޫޘީން އަންނަނީ ރަތް ކަނޑުން ޔަހޫދީ ދަޢުލަތަށް ދަތުރުތައްކުރާ ބޯޓުތަކަށް ޙަމަލާތައް ދެމުންނެވެ.