ޚަބަރު

ޑެޕިއުޓީ އޮޑިޓަރ ޖެނަރަލެއް އައްޔަންކުރަނީ


އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެ ޙާލަތުގައި އެމަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ޙަވާލުކުރުމަށް ޑެޕިއުޓީ އޮޑިޓަރ ޖެނެރަލެއް ޢައްޔަންކުރަންޖެހޭ ގޮތަށް އޮޑިޓަރ ޖެނެރަލްގެ ޤާނޫނު އަލުން ޑްރާފްޓްކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އެ އޮފީހުން އަލަށް އެކުލަވާލެއްވި ޑްރާފްޓް މިއަދު ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީއާ ޙިއްޞާކުރައްވާފައެވެ.

އަލަށް އެކުލަވާލެއްވި ޑްރާފްޓްގައިވާ ގޮތުން އެ އޮފީހަށް ޑެޕިއުޓީ އޮޑިޓަރ ޖެނެރަލެއް އައްޔަންކުރަންޖެހެއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ ޤާނޫނީ ހުސްކަމެއް ނާންނާނޭހެން އެ މަޤާމުގެ މަސްއޫލިއްޔަތުތައް ސާދަ ދުވަހުގެތެރޭގައި ޑެޕިއުޓީ އޮޑިޓަރ ޖެނެރަލް ޙަވާލުވާންޖެހެއެވެ.

މިހާރު ޢަމަލުކުރަންދާ ޤާނޫނުން ޑެޕިއުޓީ އޮޑިޓަރ ޖެނެރަލެއް ނުހުރެއެވެ.

އަލަށް އެކުލަވާލެއްވި އޮޑިޓަރ ޖެނެރަލްގެ ޤާނޫނުގެ ޑްރާފްޓްގައި ވަނީ، އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ، ފަސްދޮޅަސް ދުވަހުގެ ތެރޭގައި އައު އޮޑިޓަރ ޖެނެރަލަކު ޢައްޔަންކުރަންޖެހޭނެ ކަމަށެވެ. އަދި މުއްދަތު ހަމަވާން 120 ދުވަހަށް ވުމުން އޮޑިޓަރ ޖެނެރަލްގެ މަޤާމުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ އެކަން މަޖިލީހަށް ހުށައެޅުމަށް ބުނެފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކަށް ޤަޞްތުގައި ހުރަސްއަޅައި، މަޢުލޫމާތުނުދޭ ފަރާތްތަކަށް ދޭން ކަނޑައަޅާފައިވާ އަދަބުތައްވެސް ވާނީ އަލަށް އެކުލަވާލެއްވި ޑްރާފްޓްގައި ބޮޑުކޮށްފައެވެ.

އެގޮތުން އެފަދަ ޢަމަލެއް ހިންގައިފިނަމަ ވިހި ހާސް ރުފިޔާއާއި، ސަތޭކަ ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކޮށް، އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ. މިހާރު އޮޑިޓް ޤާނޫނުގައި ވާގޮތުން އެކަމުގެ އަދަދަބަކީ ދިހަ ހާސްރުފިޔާއާއި ހަތްދިހަ ފަސްހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކޮށް، ތިން މަސްދުވަހާ އެއް އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިހާރު އޮޑިޓް ޤާނޫނުގެ ދަށުން އޮޑިޓް އޮފީހަށް ލިބިފައިވާ ތަޙްޤީގްކުރުމުގެ ބާރު އަލަށް އެކުލަވާލައި އޮޑިޓަރ ޖެނެރަލްގެ ޤާނޫނުގެ ޑްރާފްޓްގައި އުނިކުރައްވާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުންދާ އޮޑިޓް އޮފީހުގެ ޤާނޫނަކީ ޤާނޫނު އަސާސީ އެކުލަވާލުމުގެ ކުރިން 2007 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނެކެވެ. އަދި މިހާތަނަށް އެ ޤާނޫނަށް ގެންނަވާފައިވަނީ އެންމެ އިޞްލާހެކެވެ.