ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީން އިޔާދަކުރަނިވި ހަކަތަ އުފައްދަނީ


އެމްޑަބްލިއުއެސްސީގެ ހުޅުމާލެ ސައިޓްގައި ޢިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު އިފްޠިތާޙްކޮށްފިއެވެ. މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ.

ހުޅުމާލޭގައި ހުންނަ ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް އެއް މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން މަޢުލޫމާތުދެއްވައެވެ. މި މަޝްރޫޢުގެ ދަށުން ފުޅީގައި ފެންބަންދުކުރާ ކާރުޚާނާގެ ފުރާޅުގައި ހަރުކޮށްފައިވާ ޕެނަލްތަކުން ތިންސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް އަށެއް ހަތެއް ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކުރައްވައެވެ. 

މިމަޝްރޫޢު އިފްޠުތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ދެހާސް އަށާރަވަނަ އަހަރު ނިމެންވާއިރަށް ކޮންމެ ރަށެއްގައި ދުވާލުގަޑީގައި އުފައްދާ ކަރަންޓްގެ ތިރީސް އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓްކަމަށް ހެއްދެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން މިއަހަރުވެސް ދޭއް ނުވަތަ ތިނެއް މެގަވޯޓްގެ ޢިޔާދަކުރަނިވި ހަކަތަ ޤާއިމުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14598667123067.jpg|އެމްޑަބްލިޔުއެސްސީގެ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއު އިފްތިތާޙްކުރުމުގެ ޖަލްސާގެ ތެރެއިން / ފޮޓޯ: އެމްޑަބްލިޔުއެސްސީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އެކުންފުނީގެ ހުރިހާ ޢިމާރާތްތަކެއްގައި ދުވާލު ގަޑީގައި އުފައްދާ ކަރަންޓްގެ ތިރީސް އިންސައްތައަކީ ޢިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓްކަމުގައި ހެދުންކަމަށެވެ.އެމް.ޑަބްލިޔު.އެސް.ސީގެ ސެންޓަރުތައް މާލެ އާއި ހުޅުމާލޭގެ އިތުރުން މާފުށްޓާއި، ކުޅުދުއްފުށްޓާއި ދުވާފަރުގައި ޤާއިމުކޮށްފައިވެއެވެ. މިހުރިހާ ސެންޓަރުތަކުގައި ފަސްސަތޭކަ ކިލޯވޮޓްގެ ޢިޔާދަކުރަނިވި ހަކަތަ އުފެއްދޭވަރުގެ ނިޒާމް ޤާއިމުކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.