ޚަބަރު

މިޞްރުގެ ރައީސްކަަމަށް ސީސީ އިންތިޚާބުވެވަޑައިގަތުމުން ރައީސް ތަހުނިޔާ ފޮނުއްވައިފި


  • ސީސީ އަލުން އިންތިޚާބުވުމަކީ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއް

  • ރިޔާސީ އިންތިޚާބުގައި ސީސީ ކުރި ހޯއްދަވާފައި ވަނީ ވޯޓުގެ %89.6 ކާމިޔާބުކުރައްވައިގެން

މިޞްރުގެ ރައީސްކަމުގެ މަޤާމުގެ އައު ދައުރަކަށް ޢަބްދުލް ފައްތާޙް އަލް ސީސީ، އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިޞްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިޞްރުގެ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއްކަމުގައި ވިދާޅުވެ، ސީސީގެ ވެރިކަމުގައި މި ފެށުނު އައު ދައުރުގައި މިޞްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މި މެސެޖުގައި، ރާއްޖެއާއި މިޞްރާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީޚީ ގުޅުމަަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރުއްޔާ ވިދާޅުވީ އެއީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިޙްތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައެވެ. މީގެ އިތުރުން ވެސް ސަގާފަތާއި ތަރިކައާއި، އިޤްތިޞާދީ އެއްބާރުލުމާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫންވެސް އެކި ދާއިރާތަކުން މިޞްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން މިޞްރު ސަރުކާރާ ގުޅިގެން ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދޭކަން ހާމަކުރައްވާފައިވެއެވެ.

މިޑިސެންބަރު 10ން 12 އަށް ކުރިއަށްދިޔަ މިސްރުގެ ރިޔާސީ އިންތިޚާބުގައި ސީސީ ކުރި ހޯއްދަވާފައި ވަނީ ވޯޓުގެ 89.6 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ.

މިޞްރުގެ ރައީސް ކަމުގެ މަޤާމަށް ސީސީ އިންތިޚާބުވެ ވަޑައިގެންނެވީ މުސްލިމް ބްރަދަރހުޑްގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު 2013 ވަނަ އަހަރުއެވެ. އެއަށްފަހު، 2014 އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުތައް ސީސީ ވަނީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައެވެ. އޭނާއަކީ މިޞްރުގެ އަސްކަރިއްޔާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.