ޚަބަރު

"އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ރާއްޖެއާއި ބޭރުގެ މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި"


  • މިމައްސަލައާ ގުޅިގެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްވަނީ ފަށާފައި

  • މިމަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ކޮމިޓީއެއްވަނީ އެކުލަވާލާފައި

  • މިކަމާ ގުޅޭ ރިޕޯޓް އެކުލަވާލާ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ފޮނުއްވާނެ

އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކުރުމުން މިމައްސަލައާއި ގުޅޭގޮތުން ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ރިވިއުކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތާ ގުޅޭގޮތުން އެއޮފީހުން ނެރުއްވި ނޫސްބަޔާނުގައިވަނީ މިމައްސަލައާ ގުޅިގެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފަށްޓަވާފައިވާ ކަމަށެވެ. އަދި މިމަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ކޮޕީއާއި އެސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ބަންޑާރަ ނައިބުގެ އޮފީހަށް ލިބިފައިވާ ކަމަށް އެއޮފީހުންވަނީ ވިދާޅުވެފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ދިރާސާތަކާއި، މިމައްސަލައިގައި އައްޔަންކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަނާއި އަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި މިކަމާބެހޭ މަޢުލޫމާތު އާއްމުކުރެއްވުމަށް ބަންޑާރަ ނައިބު ނިންމަވާފައިވާ ކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.

އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކުރެއްވީ މިމައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމުމެއްކަމަށް ފެންނާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ވިދާޅުވެފައެވެ.