ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން އައްޔަންކުރައްވައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަ ބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ހަ ބޭފުޅުންނަކީ، ހެންވޭރު ރީތިގަސްދޮށުގޭ އަލްފާޟިލް މުޙައްމަދު ޝަހީބާއި، ފާދިއްޕޮޅު ހިންނަވަރު ފަހަލަ އަލްފާޟިލް އިސްމާޢީލް ޞަފްވާނާއި، ވިލިނގިލި ވެރޯނިކާ އަލްފާޟިލް ޙަސަން ނަބާޙާއި، މާލެއަތޮޅު ދިއްފުށި ހުވަނދުމާގޭ އަލްފާޟިލާ ފާޠިމަތު ޒައިނާއާއި، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ އަތިރީގޭ އަލްފާޟިލާ ޒީނާ ޒާހިރާއި، ގަލޮޅު ގޮފި އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.