ޚަބަރު

އެމެރިކާއަށް ޙަމަލާ ދޭން ބޭނުން ކުރެވިދާނެ ބެލިސްޓިކް މިސައިލެއް އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާ ވެސް އިންޓަރ-ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމެ)އްގެ އަޖުމަ ބަލައިފިއެވެ. އެ ޤައުމުން މި ފަހަރު އަޖުމަ ބަލާފައިވާ 'ސޮލިޑް ފިޔުލް' ބޭނުންކޮށްގެން ދަތުރުކުރާ އައި.ސީ.ބީ.އެމަކީ އެމެރިކާގެ ކޮންމެ ހިސާބަކަށް ވެސް ޙަމަލަދޭން ބޭނުން ކުރެވިދާނެ، ދުރު ރާސްތާގެ މިސައިލެކެވެ. މިއީ، އުތުރު ކޮރެޔާއިން މިހާތަނަށް އަޖުމަ ބަލާފައިވާ އެންމެ ބާރުގަދަ އައި.ސީ.ބީ.އެމް ކަމުގައި އެ ޤައުމުން ބުނެއެވެ.

އުތުރު ކޮރެޔާގެ ދަޢުލަތުގެ މީޑިޔާ ކޭ.ސީ.އެން.އޭން ބުނީ، އައު މިސައިލް ޓެސްޓު ކުރިއަށްދިޔަ ގޮތް އެ ޤައުމުގެ ޒައީމް ކިމް ޖޮންގް އުން ބައްލަވައިލައްވާފައިވާ ކަމުގައެވެ. މިސައިލް ޓެސްޓާ އެކު، އުތުރު ކޮރެޔާގެ ދުޝްމަނުންނަށް ސާފު މެސެޖެއް ދެވިފައިވާ ކަމަށާއި، އުތުރު ކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރު އުފައްދާ ޕުރޮގުރާމު އިތުރަށް ކުރިއަރުވާނެ ގޮތްތައް ދެނެގަނެވިފައިވާ ކަމަށް ކިމް ވިދާޅުވެފައިވާ ކަމުގައި ކޭ.ސީ.އެން.އޭން ބުންޏެވެ.

"އެމެރިކާއާއި އެމެރިކާއިން ވާގިވެރިވާ ޤައުމުތަކުގެ ކިބައިން އުތުރު ކޮރެޔާއަށް އޮތް ނުރައްކާތެރި ކަން ކުޑަ ކުރެވޭނީ އުތުރު ކޮރެޔާއިން ވެސް އިސްވެ މަސައްކަތްތަކެއް ކޮށް، ފިޔަވަޅުތަކެއް އަޅައިގެން،" ކިމް ވިދާޅުވި ކަމަށް ކޭ.ސީ.އެން.އޭން ރިޕޯޓު ކުރިއެވެ. އުތުރު ކޮރެޔާއިން ޓެސްޓު ކޮށްފައި މި ވަނީ 'ހްވަސޮންގް-8' މަރުކާގެ އައި.ސީ.ބީ.އެމެކެވެ.

އުތުރު ކޮރެޔާއިން ބުނީ އެ މިސައިލް 6,518 ކިލޯމީޓަރު އުހުން 1,000 ކިލޯމީޓަރުގެ ދުރުމިނަކަށް ދަތުރު ކޮަށްފައިވާ ކަމުގައެވެ. މާނައަކީ، މި މަރުކާގެ އައި.ސީ.ބީ.އެމް ބޭނުން ކޮށްގެން އުތުރު ކޮރެޔާއަށް އެމެރިކާގެ ކޮންމެ ހިސާބަކަށް ވެސް ޙަމަލަ ދިނުމުގެ ޤާބިލު ކަން މިހާރު އޮތް ކަމެވެ. އުތުރު ކޮރެޔާގެ މިސައިލް ޓެސްޓާ މެދު އެމެރިކާއާއި، ދެކުނު ކޮރެޔާގެ އިތުރުން ޖަޕާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ކަން ކުށްވެރި ކޮށްފައެވެ. މިއީ، އުތުރު ކޮރެޔާއިން ސޮލިޑް-ފިޔުލް ބޭނުންކުރާ އައި.ސީ.ބީ.އެމެއްގެ ޓެސްޓު މި އަހަރުގެ ތެރޭގައި ހަދާފައިވާ ތިންވަނަ ފަހަރެވެ.

އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަކަތަ އުފެއްދުމާއި، އެ ޤައުމުގެ މިސައިލް ޕުރޮގުރާމަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމުގެ އިތުރުން ރައްކާތެރި ކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއާއި ދެކުނު ކޮރެޔާގެ އިތުރުން ޖަޕާނުން ވެސް ސިފަ ކުރެއެވެ. އަދި، އުތުރު ކޮރެޔާއިން ދީފާނެ ޙަމަލައަކަށް ތައްޔާރުވުމަށް އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ދަނީ ތައްޔާރުވަމުންނެވެ. އެ ދެ ޤައުމުން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު ތަކަކީ އުތުރު ކޮރެޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ.