ޚަބަރު

ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އަޅުއްވާ 400 ފްލެޓް


ސަރުކާރު އޮފީސްތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ޚާއްސަކޮށްގެން، ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ 400 ފްލެޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ. ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ސަރުކާރު މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެޅުމަށް އެޗްޑީސީން ނިންމާފައިވާ ފްލެޓްތައް އެޅުމަށް ފައިސާ ހަމަޖެހިފައިވަނީ ޤައުމީ ބޭންކް ބީއެމްއެލްއިން ކަމަށެވެ. ސައިމަން ވިދާޅުވީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް މޯލްޑިވްސްއިން އެ ފްލެޓްތައް އެޅުމަށް ލޯން ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެންމެ ރަނގަޅު ހުށަހެޅުމަށް ހުށަހަޅާފައިވަނީ ބީއެމްއެލްއިން ކަމަށެވެ.

މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށް ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ އިތުރު ދާއިރާތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަސައްކަތްތައް ކުރެވޭނެ ގޮތްތައް ބައްލަވަމުންދާކަމަށެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ތަރައްޤީ ކުރައްވަނީ، އެކި ފަންތީގެ މީހުންނަށް ޚާއްސަކޮށްގެންނެވެ.