ޢީރާނުގެ ތާއީދާއެކު ޢުރުދުނަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުން ފިލައިގެން ތިބި ސޫރިޔާގެ ސަރަޙައްދުތަކަކަށް ވައިގެ ޙަމަލާދީފިއެވެ. އެ މީހުން ފިލަންތިބި ސޫރިޔާގެ އުތުރުގައެވެ.
ޙަމަލާތައް ދީފައިވަނީ ރޮކެޓް ލޯންޗާތަކާއި މައިންތަކާއި ގޮވާތަކެތި ބޭނުންކޮށްގެން ސޫރިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކުރި ދިހަވަރަކަށް މީހުންގެ ރޭވުން ނާކާމިޔާބުކޮށްލައިފައިވާ އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އުރުދުންގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން އެ ޙަމަލާތައް ދީފައިވާ ކަމަށް ސޫރިޔާގެ ދެކުނުގެ ޙާލަތު ބަލައި ސަރަޙައްދީ ދެ ޖާސޫސީ އިދާރާއަކާއި ހުޅަނގުގެ ޑިޕްލޮމެޓިކް މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސޫރިޔާގެ ސުވައިދާ ޕްރިވޮންސުގެ ޞަލްޙަދު ސިޓީގައި ހުންނަ މަސްތުވަތަކެތީގެ ވިޔަފާރި ކުރާ އިސް މީހެއްގެ ގެއަށް މަތިންދާ ބޯޓުތަކުން ވަނީ ބޮން އަޅައިފައެވެ. އަދި އިތުރު ޙަމަލާތައް ދަރްޢާ ޕްރޮވިންސަށްވެސް ދީފައިވާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނެއެވެ. މި ދެ ޕްރޮވިންސްވެސް އޮންނަނީ އުރުދުނާއި ސޫރިޔާގެ ދެކުނުން އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައެވެ.
ހަނގުރާމައިގެ ޙާލަތުގައި އޮތް ސޫރިޔާއަކީ ބިލިއަން ޑޮލަރުގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެ ސަރަޙައްދުގެ މައި މަރުކަޒަކަށެވެ. މަސްތުވާތަކެތި އުފެއްދުމާއި ފޯރުކޮށްދިނުމުގައި ސޫރިޔާއިން ބައިވެރިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ދޮގުކުރެއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އީރާނުން ބައިވެރިވާ ކަމަށް ކުރާ ތުޙުމަތަކީ އެ ޤައުމާ ދެކޮޅަށް ހުޅަނގުން ރާވާފައިވާ ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ ޤައުމުން ބުނެއެވެ.