ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ހޯދުން އެސްޓީއޯއަށް


ހުޅުމާލޭ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ސާމާނު ގެނައުމުގެ އެއްބަސްވުމެއްގައި އާސަންދަ ކޮމްޕެނީން އެސްޓިއޯއާއެކު ސޮއިކޮށްފިއެވެ. 

އާސަންދަ ކޮމްޕެނީން މިހާރު ހިންގަމުން ގެންދާ ހުޅުމާލޭ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދުމަށް އެސްޓިއޯއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރާއިރު، އެތަނުގައި ކެންސަރު ބަލީގެ ފަަރުވާ ދިނުމަށް ކީމޯ ތެރަޕީގެ ޚިދުމަތާއި، ހުޅު ބަދަލުކުރުމާއި ކަށީގެ ބަލިތަކަށް ޚާއްސަކޮށް ފަރުވާ ދޭ ސެންޓަރެއް ޤާއިމްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ޖެހޭ ބަލިތަކަށް ފަރުވާކުރުމަށް ޚާއްސަ ސެންޓަރެއްވެސް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މެޑިކަލް ސާމާނު ހޯދުމުގެ އެއްބަސްވުމުގެ އިތުރުން ސިއްޙީ ދާއިރާ ކުރިއެރުވުމާއި ގުޅޭ އެއްބަސްވުމެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާޔާ، އާސަންދަ ކޮމްޕެނީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓިއޯއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. 

މިއެއްބަސްވުމުގެ ދަށުން، އެސްޓީއޯގެ ފާރމަސީތަކުގައި ބޭސް މަދުނުވެ ލިބެން ހުންނަ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއި، ރައްޔިތުންނަށް ކޮންޓްރޯލް އަގެއްގައި ބޭސް ލިބިގެންދާނޭކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަޙީރު ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުންޏާއި ސަރުކާރުން ޙަވާލުކުރެއްވުމާއި ގުޅިގެން، ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެތަން ތަރައްޤީކުރުމުގެ ޕްލޭނެއް އާސަންދަ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.