ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ނާޕޮލީ ބައްދަލުކުރަން ޖެހިއްޖެއެވެ.
މިއީ ޔޫރަޕުގެ ގަދަ ދެ ބާރުގެ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެކެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުނެގުނުން މިއަދު ބޭއްވިއިރު، ބާސެލޯނާ އާއި ނަޕޯލީވެސް އަމިއްލަ ލީގުގައި އޮތީ އެހާ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި ނަޕޯލީން މި ފަހަރުގެ ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ، ތިން މެޗު އެއްވަރުވެ އަދި ފަސް މެޗުން ވަނީ ބަލިވެފައެވެ.
އަދި ބާސެލޯނާއަށް ލީގުގައި އަމިއްލަ ފޯމު ދަށްވުމުން، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ބާސެލޯނާއިން މި ސީޒަނުގެ ލީގުގައި ކުޅުނު 17 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، ފަސް މެޗުން އެއްވަރުވެ އަދި ދެ މެޗުން ވަނީ ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ނަޕޯލީ ވަދާކުރާ ފުރަތަމަ މެޗު އޮންނާނީ އިޓަލީގެ ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމުގައެވެ.
ގަދަ 16 ބުރުން ބާސެލޯނާ ޖާގަ ހޯދީ ގުރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން ދެވަނަ ހޯދި ޕޯޗުގަލުގެ ޕޯޓޯ ވާދަކުރާނީ އިނގިރޭސި ކުލަބު އާސެނަލާއެވެ. އެންމެ ފަހުން މުބާރާތުގައި އެ ދެ ޓީމު ބައްދަލުކުރި މެޗުގައި އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ 5-0 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށްފައެވެ. އެކަމަކު 2004 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޕޯޓޯ ދަނޑު އާސެނަލަށް މިހާތަނަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ގަދަ 16 ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުންނާނީ ޑެންމާކުގެ އެފްސީ ކޯޕަންހޭގަންއާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގައި މި ދެ ޓީމު ގުރޫޕް ސްޓޭޖުގައި ޑެންމާކުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ސިޓީން ވަނީ 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ފަހަރުގެ މުބާރާތުގެ ގުރޫޕް ފިޔަވަހީގެ މެޗުތައް ސިޓީން ނިންމާލާފައިވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކުވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގު 14 ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް ގަދަ 16 ބުރުގައި ވާދަކުރާނީ ޖަރުމަނުގެ އާރްބީ ލައިޕްޒީގާއެވެ. އަދި އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ އިންޓަ މިލާން ސްޕެއިންގެ އެތުލިޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ޖަރުމަނުގެ ބަޔާން މިއުނިކް ނުކުންނާނީ އިޓަލީގެ ލާޒިއޯއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގު މެޗުތައް އޮންނީ އަންނަ ފެބްރުއަރީ މަހު 13 އަދި 14 ވަނަ ދުވަހެވެ. އަދި މި މުބާރާތުގެ ފައިނަލް އޮންނާނީ ޖޫން މަހުގެ އެއްވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެންބްލީ ސްޓޭޑިއަމުގައެވެ.