ޚަބަރު

ވުޒާރާގެ މެންޑޭޓު ފާސްނުކުރިޔަސް، ވަޒީރުންނަށް ރުހުން ދެވޭނެ: ބަންޑާރަ ނައިބު


  • ބަންޑާރަ ނައިބު މިހެން ވިދާޅުވީ ވަޒީރުންނަށް ރުހުންނުދީ މަޖިލިސް ދައުރު ދަންމާލުމަށް ނިންމުމުން

  • އެމްޑީޕީ މެންބަރުން ބުނަނީ ވުޒާރާތަކުގެ މެންޑޭޓު ފާސްނުވަނީސް ރުހުން ނުދެވޭނެކަމަށް

  • ބަންޑާރަ ނައިބު ވިދާޅުވީ މޭންޑޭޓު ހުށަނޭޅިޔަސް، ވަޒީރުންނަށް ރުހުންދިނުމަށް ހުރަހެއް ނެތްކަމަށް

ދައުލަތުގެ ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާއި، ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމަކީ ތަފާތު ދެ ކަމެއްކަމަށް ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް އްޙަމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އުޝާމް އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާއި، 129 ވަނަ މާއްދާގެ ދަށުން މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަކީ ތަފާތު ދެ ކަމެއްކަމަށެވެ. އަދި މީގެ ކުރިން ވެސް މަޖިލީހުގައި ޢަމަލުކޮށްފައިވަނީ އެ ގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ 2018 ވަނަ އަހަރު ވަޒީރުންގެ މަޖިލީހަށް ރުހުންދިނުމަށް ހުށަހަޅާފައިވަނީ އެ އަހަރުގެ ނޮވެންބަރުމަހުގެ 22 ވަނަ ދުވަހު ކަމަށާއި 4 ޑިސެންބަރުގައި މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ. އަދި އެ ފަހަރު މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ ވަޒީރުންނަށް ރުހުންލިބުނު ފަހުން 13 ޑިސެމްބަރ 2018ގައި ކަމަށެވެ.

އުޝާމް ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަކާއި މަޖިލީހުން އަމަލުކުރަމުން އައި އުޞޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަވާންޖެހޭ ކަމެއް ކަމަށެވެ. މި ފަދަ މޭރުމަކުން އުޝާމް ވިދާޅުވެފައި މި ވަނީ ރައްޔިތުންގެ މަޖިލީހުން، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމާލާފައިވާ ދަނޑިވަޅެއްގައެވެ.

އެ ގޮތުން، މިއަދުގެ މަޖިލީހުގައި އިނދިކޮޅު އެމްޑީޕީ މެންބަރެއްކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، ސަރުކާރުން ވުޒާރާތަކުގެ މެންޑޭޓު ސާފުވާނެހެން މަޖިލީހަށް ފޮނުވާފައިނުވާކަމަށާ، ރުހުން ދޭއިރު އެ ރުހުން ދެވެނީ ކޮންކަމެއް ކުރަން ހަވާލުކުރެވިފައިވާ މީހަކަށްކަމެއް ރިޕޯޓްގައި އެނގެން ނެތްކަމަށެވެ. އަދި މި ނިޒާމީ މައްސަލަ ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ހުށަހެޅީ 21 ނޮވެންބަރުގައެވެ. އަދި މައްސަލަ ދިރާސާކޮށް، ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށް، ރުހުންދޭން ވޯޓަށް އެހުމަށް ތަޅުމަށް ވަނީ ހުށަހަޅާފައެވެ.