ޚަބަރު

ރާއްޖޭގެ ބައެއް ރަށްރަށަށް މަރުވެފައިވާ މަސް ލައްގަނީ


މިދުވަސްވަރު މަރުވެފައިވާ މަސް، ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށާއި ރިސޯޓުތަކަށް ލައްގަމުންދާ ކަމަށް މެރިން ރިސާރޗް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މަސް މަރުވުމުގެ ޙާދިސާ ކުރިމަތިވަމުންދާ ކަމަށް މިހާތަނަށް 03 ރަށަކުން މެރިން ރިސަރޗް ސެންޓަރަށް ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށް މެރިން ރިސަރޗް ސެންޓަރުން ވިދާޅުވެއެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވާ މަސްމަރުވުމުގެ ޙާދިސާތަކާއި ގުޅިގެން، ގޮނޑުދޮށަށް ލައްގާ ނުވަތަ ކަނޑުމަތީގައި ބަލިވެފައި ނުވަތަ މަރުވެފައިވާ މަސް ކެއުމަށް ބޭނުންނުކުރުމަށް މެރިން ރިސަރޗް ސެންޓަރުން ލަފާދެއްވާފައިވެއެވެ. އެސެންޓަރުން ވިދާޅުވީ، މަސްމަރުވުމުގެ ޙާދިސާ ކުރިމަތިވަމުންދާ ކަމަށް ބޮޑަށް ބެލެވެނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ އޮއިވަރަށް ބަދަލު އައިސް، ކަނޑުގެ ދިރުންތަކަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުން ފަދަ މައްސަލަތަށް ކުރިމަތިވަމުންދާތީ ކަމަށެވެ. އަދި ކޮންމެ އަހަރެއްގައިވެސް މިދުވަސްވަރު މަސްމަރުވުމުގެ ޙާދިސާގެ ރިޕޯޓް ލިބިވަޑައިގަންނަވާ ކަމަށް އެސެންޓަރުން ފާހަގަކުރައްވައެވެ.

މަރުވެފައި ނުވަތަ ބަލިވެފައިވާ މަހުގައި އަތްލާއިރު އަންގި ބޭނުންކުރުމަށާއި، ކުނިވަސްދުވާ ނަމަ ނުވަތަ މަރުވެފައިވާ މަހާ ކައިރިވާނަމަ އަނގަޔާއި ނޭފަތް ނިވާކުރުމަށްވެސް މެރިން ރިސަރޗް ސެންޓަރުން އިލްތިމާސްކުރައްވާއެވެ. މީގެ އިތުރުން މީހުން އުޅޭ ހިސާބާ ދުރު ހިސާބެއްގައި މަސްތައް ވަޅުލައި، ނުވަތަ އިންސިނަރޭޓްކުރެއްވެން ހުރިނަމަ އިންސިނަރޭޓް ކުރުމަށްވެސް އެސެންޓަރުން އެދިވަޑައިގަންނަވައެވެ. 

މަރުވާ ނުވަތަ ލައްގާ މަހާބެހޭ މަޢުލޫމާތާއި ފޮޓޯ މެރިން ރިސަރޗް ސެންޓަށް ފޮނުއްވުމަށްވެސް އެސެންޓަރުން އެދިވަޑައިގަންނަވައެވެ.