ޚަބަރު

"ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި


  • މައުރަޒު ކުރިއަށްދާނީ މިމަހުގެ 17 އިން 21 އަށް

  • ހުޅުވިފައި ހުންނާނީ ހެނދުނު 10 އަކުން އިރުއޮއްސި 6 އަކާއި ހަމައަށް

  • މައުރަޒުގައި ދޮންބަންޑާރައިންނާއި ގުޅޭ މުހިންމު އާސާރުތައް ފެނިގެންދާނެ

"ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.

މި މައުރަޒަކީ ރާއްޖޭގެ ހުރަވީ ދުވަހާއި ގުޅުވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ޤައުމީ ދާރުލްއާސާރުގައި ކުރިއަށްގެންދާ މައުރަޒެކެވެ. ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ އަލްގާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ހުރަވީ ދޮންބަންޑާރައިން، ހޮޅީންގެ އަތްދޮށުން ރާއްޖެ މިނިވަން ކުރެއްވި ދުވަހާއި ގުޅުވައިގެންނެވެ.

މައުރަޒު ހުޅުއްވާދެއްވުމަށްފަހު، ރައީސްގެ އަނބިކަނބަލުން ސާޖިދާ ވަނީ މައުރަޒުން ފެންނަހުރި ބައެއް ތަރިކަ ބައްލަވާލައްވާ، އެއާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ޤައުމީ ދާރުލްއާސާރުގައި ހުރި ބައެއް ތަރިކަތައްވެސް ބައްލަވާލައްވާފައެވެ.

މި މައުރަޒާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ މައުރަޒެއް އިންތިޒާމުކުރުމުގެ ބޭނުމަކީ ދޮންބަންޑާރައިންގެ ހަނދާންތައް އައުކޮށް، އެ އަބްޠާލު ކުރެއްވި ޖިހާދާއި ގުޅޭގޮތުން ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފެއްދުން ކަމަށެވެ. އެގޮތުން، ދޮންބަންޑާރައިން ވެޑުވި ފަގުޑިކޮޅާއި، ބުރުޒަށް ބަޑިބޭސް ގެންދިއުމަށް ދޮންބަންޑާރައިން ބޭނުންފުޅު ކުރެއްވި ފޮށިކޮޅުގެ އިތުރުން، އެ ބަޠަލުގެ ލޮންސިކޮޅުފަދަ މުހިންމު އާސާރުތައް މި މައުރަޒުން ފެނިގެންދާނެކަމަށް ދިވެހިބަހުގެ ވުޒާރާއިން ވިދާޅުވެއެވެ.

"ދޮންބަންދާރައިންނަކީ ކިހާވަރެއްގެ ބަޠަލެއްކަން އަންގައިދީ، އެ އަބްޠާލުގެ މުހިންމުކަން އަންގައިދިނުން. އަދި ދިވެހިންގެ މެދުގައި ދޮންބަންޑާރައިންނާއި މެދުގައި ލޯބި އުފެއްދުން." މައުރަޒު ކުރިއަށްގެންދިއުމުގެ ބޭނުމާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން، ޤައުމީދާރުލް އާސާރުގެ މިއުޒިއަމް ޑައިރެކްޓަރ ވިދާޅުވިއެވެ.

ދިވެހިބަހާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މައުރަޒު ކުރިއަށްދާނީ، މިމަހުގެ 17 އިން 21 އަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 10 އަކުން އިރުއޮއްސި 6 އަކާއި ހަމައަށް ކަމަށެވެ.