ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުކުރާ ބޯޓުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ދިނުމުން އެ ސަރަޙައްދުން ޔަހޫދީ ދަޢުލަތަށް މުދާ އުފުލުން ގާތްގަނޑަކަށް ހުއްޓުމަކަށް އަތުވެއްޖެއެވެ.
ޙޫޘީންގެ އިންޒާރާއެކު ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން އަންނަނީ ޔަހޫދީ ދަޢުލަތަށް މުދާ އުފުލުމަށް ރަތް ކަނޑުގެ ބަދަލުގައި އެހެން މަގުތައް ހޯދަމުންނެވެ. އެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ގްރޫޕް މެޑިޓެރޭނިއަން ޝިޕިން ކުންފުނިން ބުނީ ރަތް ކަނޑުން ދަތުކުރުކުރާ ބޯޓުތަކަށް ދޭ ޙަމަލާތައް އިތުރުވުމުން އެ ކުންފުނީގެ ބޯޓުތައް ރަތް ކަނޑާ ދުރުން ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.
ރަތް ކަނޑުން ދަތުރުކުރާ ހުރިހާ އާގުބޯޓުތަކެއް ދަތުރުކުރުން މަޑުޖައްސާލުމަށް ޑެންމާކުގެ ޝިޕިން ކުންފުނި އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޝިޕިން ކުންފުނި އޭޕީ މޮލަރ މާސްކުންވެސް އިއްޔެ ވަނީ އަންގާފައެވެ. ރަތް ކަނޑުގެ ބަދަލުގައި އެފްރިކާ ވަށައިގެން އޮންނަ ދުރު މަގުން ދަތުރުތައް ކުރުމަށް ބޯޓުތަކަށް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މާސްކުން އެ ގޮތަށް އަންގާފައި ވަނީ ރަތް ކަނޑުން ދަތުކުރި އެ ކުންފުނީގެ ބޯޓެއްކަމުގައިވާ ޖެބްރޯލްޓާއާއި އިތުރު އާގު ބޯޓަކަށް ޙަމަލާތަކެއް އަމާޒުވުމުންނެވެ.
ފަރަންސޭސިވިލާތުގެ ކުންފުނި ސީއެމްއޭ ސީޖީއެމް އިން ވެސް ވަނީ މާސްކުން އިއްޔެ ނެގި، ފިޔަވަޅު ނަގައިފައެވެ. ސީއެމްއޭ ސީޖީއެމް އަކީ މުޅި ދުނިޔެއިން ތިން ވަނައަށް އެންމެ ބޮޑު ޝިޕިން ކުންފުންޏެވެ. ޖަރުމަނުވިލާތުގެ ޝިޕިންގ ކުންފުނި ހޭޕަގް ލޮއިޑް އިން ވަނީ އެ ކުންފުނީގެ ބޯޓުތަކަށް ރަތް ކަނޑުން ދަތުރުކުރުން މަނާކޮށްފައެވެ.
ރަތް ކަނޑުން ބޯޓުތައް ދަތުކުރުކުރުން ހުއްޓައިލައިފައިވާ ހަތަރު ކުންފުންޏަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ހަތަރު ޝިޕިން ކުންފުންޏެވެ. ކުންފުނިތަކުގެ ނިންމުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެ ކުންފުނިތަކުގެ އިތުރުން ރަތް ކަނޑުގައި ދަތުރުކުރަމުންދާ ބޯޓުތަކަށް ޙޫޘީން ދޭ ޙަމަލާތައް އިތުރުވުމުން ފަލަސްޠީނުގެ ޣައްޒާއަށް ޢަރަބި އެކުވެރި އިމާރާތް، ޔޫއޭއީން ފޯރުކޮށްދޭ ކާބޯތަކެތީގެ ޝިޕްމަންޓު ޣައްޒާއަށް ފޯރުކޮށްދީފައި ވަނީ އެއްގަމު މަގުންނެވެ. ކާބޯތަކެތީގެ ޝިޕްމެންޓު ޣައްޒާއަށް ފޯރުކޮށްދީފައި ވަނީ ސަޢުދީ ޢަރަބިއާއިން އުރުދުންއަށް ގެންގޮސްގެނެވެ.