ޚަބަރު

އެމްއެންޑީއެފްއަށް ޑައިވިންގ ގިއަރ ސެޓްތަކެއް ހަދިޔާކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ކޯސްޓްގާރޑަށް ޑައިވިންގ ގިއަރގެ ފަސް ސެޓް ހަދިޔާކޮށްފިއެވެ.

އެމްޓީސީސީން ޑައިވިންގ ގިއަރ ސެޓް ހަދިޔާކުރީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފާ ޑައިވިންގ ސެޓް ޙަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ޙަލީމެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ތަކެއްޗާއި ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެމްޓީސީސީއިން އެމްއެންޑީއެފްގެ ކޯސްޓްގާރޑަށް ޙަވާލުކުރެއްވި ޑައިވިންގ ގިއަރ ސެޓްތަކަކީ ކޯސްޓްގާރޑަށް ކޮންމެހެންވެސް މުހިންމު ސާމާނުތަކެއް ކަމަށާއި މިފަދަ ސާމާނުތަކުގެ ސަބަބުން ކޯސްޓްގާރޑުގެ މަސައްކަތް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ކޯސްޓްގާރޑުގެ ޚިދުމަތް ވަރުގަދަކުރައްވައި، ވަޞީލަތްތަށް އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފާއިތުވެދިޔަ އަހަރަކީވެސް ކަނޑުމަތީގެ ޙާދިސާތައް ގިނައިން ހިނގި އަހަރެއް ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު ހަތަރު ސަތޭކަ ހަތްދިހަ ޙާދިސާ ހިނގިކަމަށާއި އޭގެތެރޭގައި ހަސަތޭކަ ހަތްދިހަ ދެމީހަކާއި މުދާ ސަލާމަތް ކޮށްފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެކުންފުނިން ޤައުމުގެ ތަރައްޤީއަށް ހިންގާ އެކިއެކި މަޝްރޫޢުތަކުގައި އެމްއެންޑީއެފްއިން ޚާއްޞަ އެހީތެރިކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. މި ރަސްމިއްޔާތުގައި ވަނީ އެމްއެންޑީއެފްއަށް ހަނދަނީ ފިލާ ޙަވާލުކުރައްވާފައެވެ.