ޚަބަރު

ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ދަށުން ވެލައާއި ކަހަނބު ހިމާޔަތްކޮށްފި


ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން މިއަދުން ފެށިގެން ހިމާޔަތްކޮށްފިއެވެ.

މީގެކުރިން ވެލާ ކަނހަބު ހިމާޔަތްކޮށްފައިވަނީ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުންނެވެ. ރާއްޖޭގައި ފުރަތަމަ ވެލާ ކަނހަބު ހިމާޔަތްކުރެވުނީ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުގައި މޮރެޓޯރިއަމް އެއް މެދުވެރިކޮށް ދިހަ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ދެހާސް ފަސްވަނަ އަހަރު ހަމަ އެ މޮރެޓޯރިއަމްގެ ތެރެއިން އިތުރު ދިހަ އަހަރަށް ވެލާ ކަހަނބު ހިމާޔަތް ކުރެވުނެވެ. އަދި އޭގެ ފަހުން މިފަހަރު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ ގެ ދަށުން ވެލާ ކަނހަބު މިވަނީ ދާއިމީގޮތަކަށް ހިމާޔަތްކޮށްފައެވެ.

މިކަމާއި ބެހޭގޮތުން ނޫސްވެރިނަށް މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، ތިމާވެއްޓާބެހޭ ޤާނޫނުގެ ދަށުން ވެލާ ކަހަނބު ދާއިމީކޮށް ހިމާޔަތް ކުރެއްވުމާއި އެކު ވެލާ ކަހަނބު އާލާކުރުމުގެ އިތުރު މަސައްކަތްތަކެއް މިނިސްޓްރީން ކުރުމަށް ރާވާފައިވާކަމަށެވެ.

މިގޮތަށް އަމަލުކުރަން ފެށުމާއެކު، ވެލާކަހަނބުގެ އެއްވެސް ބާވަތެއް ހިފުމާއި، ވެލާ ކަހަނބުގެ ބިސް ނެގުމާއި، ބިސްވަޅުތަކަށް ގޯނާ ކުރުމާއި، ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބާއި އޭގެ ވިޔަފާރި ކުރުން މަނާވާނެއެވެ. ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އެތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭފަދަ ކަމެއް ކުރުމާއި، ވެލާ ކަހަނބާއި ވެލާ ކަހަނބުގެ ބިހާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުމަކީވެސް މަނާ ކަމެކެވެ.

މީގެއިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދާ ވެލާ ކަހަނބާ ގުޅޭ އެއްވެސް ދިރާސާއެއް ކުރުމާއި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތް ކުރުމަކީވެސް މަނާކަމެކެވެ. މިއާ ޚިލާފްވާ ފަރާތްތަކާމެދު ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިގޮތުން ގެއްލުންދޭ ކޮންމެ ވެލާ ކަހަނބަކަށް ތިރީސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެއްވެލާކަހަނބަށްވުރެ ގިނަ ނަމަ ކޮންމެ ވެލާ ކަހަނބަކަށް ތިރީސް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. މީގެއިތުރުން ވެލާ ކަހަނބު އާންމުކޮށް ބިސްއަޅާ ސަރަހައްދަކަށް ގެއްލުންދީފި ނަމަ އަކަ މީޓަރަކަށް ބާރަހާސް ހަސަތޭކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

ރާއްޖޭގައި ވެލާ، ކަނހަބުގެ ބާވަތްތައް މަދުވެފައިވާކަން ފާހަގަކުރެވެއެވެ.