ޔަހޫދީ އަސްކަރިއްޔާއިން އޮޅިގެން ދިން ޙަމަލާއެއްގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ތިން ރަހީނުން މަރާލައިފިއެވެ. އެ ޙާދިޘާ މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި ހާމަކަންބޮޑު ފުރިހަމަ ތަޙްޤީޤެއް ކުރާނެ ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.
ޔަހޫދީ އަސްކަރިއްޔާއިން ބުނީ ރަހީނުކުރި މީހުން އޮޅިގެން މަރާލާފައިވަނީ ޙަމާސްގެ ހަނގުރާމަވެރި މުޖާހިދުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ. ޔަހޫދީ އަސްކަރިއްޔާއިން ވަނީ މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާވެސް ފޮނުވައިފައެވެ. ރަހީނުކޮށްފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ ޢާއިލާތައް ތަމްސީލުކުރާ ފޯރަމުން ވަނީ މަރުވި މީހުންނަކީ ކޮންބައެއްކަން ދެނެގަނެފައެވެ. އެ ޙާދިޘާއާ ގުޅިގެން ރަހީނުކޮށްފައިވާ މީހުންގެ ޢާއިލާތަކުންވަނީ ތެލް އަވީވްގައި މުޒާހަރާވެސްކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައި ޔަހޫދީ އަސްކަރިއްޔާއާއި ޙަމާސްޖެ މުޖާހިދުންނާ ދެމެދު ބަދަލުކުރާ ޙަމަލާތައް ވަނީ ވަރުގަދަވެފައެވެ. އެ ގޮތުން މި މަހުގެ 13 ވަނަ ދުވަހު ބަދަލުކުރި ޙަމަލާތަކުގައި 24 ގަޑިއިރުތެރޭގައި ޔަހޫދީ އަސްކަރިއްޔާގެ 10 މީހުން ވަނީ މަރުވެފައެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ޔަހޫދީ އަސްކަރިއްޔާއާއި ޙަމާސްގެ މުޖާހިދުންނާއި ދެމެދު ކުރި ހަނގުރާމަގައި ޙަމަލާތައް ވަނީ މެދުކަނޑާލައިފައެވެ. އެ މުއްދަތުގައި ޙަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 100އަށްވުރެ ގިނަ ޔަހޫދީ ރަހީނުން ވަނީ ދޫކޮށްލައިފައެވެ. 100އަށްވުރެ ގިނަ އިތުރު ޔަހޫދީ މީހުން ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް އެބަތިއްބެވެ.