ޣައްޒާއަކީ ފަލަސްޠީނު ދަޢުލަތުގެ މުހިންމު ބައެއް ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ. އޭނާ އެ ގޮތަށް ވިދާޅުވީ އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސަލިވަންއާއެކު ހުޅަނގު އައްސޭރީގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ޣައްޒާއަކީ ފަލަސްޠީނުގެ ދަޢުލަތުގެ މުހިންމު ބައެއް ކަމަށާއި ޣައްޒާ އެކަހެރި ކުރަން ކުރާ އެއްވެސް މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބައްދަލުވުމުގައި ޢައްބާސް ފާހަގަކުރެއްވިއެވެ. ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން އަވަސްގޮތެއްގައި ހުއްޓުވުމަށް ބޭނުންވާ ކަމަށާއި ޚާއްޞަކޮށް މި ދުވަސްވަރު ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންދާ ނަސްލު ނައްތާލުން ހުއްޓުވުމަށްވެސް ޢައްބާސް ބާރުއެޅުއްވިއެވެ. ހަނގުރާމަކޮށް ގިނަ ދުވަސްތަކެއް ވަންދެން ޣައްޒާ ސަރަޙައްދު ފުރަބަންދުކޮށްފައި ބާއްވައިގެން ނުވާނެ ކަމަށް އެ ބައްދަލުވުމުގައި ސަލިވަން ވިދާޅުވިއެވެ.
އެމެރިކާއަކީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޔަހޫދީ ދަޢުލަތަށް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭ ޤައުމެކެވެ. ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން ވަރަށް ބޮޑަށް ތާއީދުކުރެއެވެ. ނަމަވެސް ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ޔަހޫދީ އަސްކަރިއްޔާއިން ދެމުންގެންދާ ޙަމަލާތައް މަދުކޮށް ޢާންމުން ދިރިއުޅޭ ތަންތަނަށް ބޮން އެޅުން ހުއްޓުވުމަށް އެމެރިކާއިން އަންނަނީ ބާރު އަޅަމުންނެވެ. ޔަހޫދީ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް ދެމެންގެންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 18،787 ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.