ޚަބަރު

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހަށް ފަސްކޮށްފި


  • ތާރީޚު ފަސްކުރީ ކެންޑިޑޭޓުންނާއި ޢާއްމު މެމްބަރުން އެދިގެން

  • ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖެނުއަރީ 20ގައި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް ޕީޕީއެމުން ޢިއުލާންކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް މީގެކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޯލިޝަނުން ނެރުނު ޢިއުލާނެއްގައި ބުނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކޯލިޝަންގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީޚު ފަސްކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 20 ވާ ހޮނިހިރު ދުވަހުކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ޕީޕީއެމުން ބުނީ މިގޮތަށް ނިންމީ ކުރިން ހަމަޖައްސާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރެއްކަމުގައިވެފައި ގިނަ ޢަދަދެއްގެ ރައްޔިތުން އެކި ސަބަބުތަކަށްޓަކައި ޤައުމުން ބޭރަށް ދަތުރުކުރާނެތީކަމަށެވެ. އަދި ޕްރައިމަރީ ބާއްވާ ތާރީޚު ފަސްކޮށްދިނުމަށް ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކާއި ކޯލިޝަންގެ ޢާއްމު މެމްބަރުންވެސް އެދިފައިވާކަމަށް އިއުލާންގައިވެއެވެ.

އެހެންކަމުން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޢާއްމުކުރާނެކަމަށާއި އަދި ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާއްމުކޮށް ޢިއުލާންކުރާނެކަމަށް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ބައިވެރިވުމަށް ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން 354 ފޯމުވަނީ ހުށައަޅާފައެވެ. އަދި 10 ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައިވާތީ އެފަރާތްތަކަށް ޕާޓީގެ ޓިކެޓު ވަނީ ޕްރައިމަރީއަކާއި ނުލައި ލިބިފައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.