ޚަބަރު

މުއާމަލާތްނުކުރާ އެކައުންޓްތަކުގެ ފައިސާ އެމްއެމްއޭއަށް


ސްޓޭޓް ބެންކް އޮފް އިންޑިއާ، އެސް.ބީ.އައި އިން ރާއްޖޭގައި ހިންގާ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން މުޢާމަލާތް ނުކުރާ އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރެވޭނެ ކަމަށް އެސް.ބީ.އައި އިން ހާމަކޮށްފިއެވެ.

އެސް.ބީ.އައި ބޭންކުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކްގެ ރެކޯޑްތައް ދައްކާގޮތުން އެ ބޭންކްގައި ފައިސާގެ މުއާމަލާތެއް ނުކޮށް ފަސް އަހަރު ވެފައިވާ 922 އެކައުންޓެއް ފާހަގަކުރެވިފައިވާކަަމަށެވެ އަދި 31 މޭ ގެ ކުރިން އެކައުންޓްގެ ވެރިފަރާތުން ބޭންކާއި އެއްވެސް މުޢާމަލާތެއް ނުކުރައްވައިިފިނަމަ، އެފަދަ އެކައުންޓްތައް ބަންދުކޮށް، ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނުގައިވާ ގޮތުގެ މަތިން އެފަދަ އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމް.އެމް.އޭއާ ހަވާލުކުރެވޭނެ ކަމަށް އެ ޢިއުލާނުގައިވެއެވެ.

އެސްބީއައި އިން ބުނީ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކޮށް ނުވަތަ ބޭންކަށް ލިޔުމަކުން އަންގާފައިނުވާ ފަސް އަހަރު ދުވަސް ވެފައިވާ އެކައުންޓަކީ "ޑޯމަންޓް އެކައުންޓް" އެއްގެ ގޮތުގައި ބެލެވޭނެ އެކައުންޓެއް ކަމަށެވެ.