ޚަބަރު

"ސިޓިޒެންޝިޕް ޤާނޫނަށް" ހުށައެޅުއްވި އިޞްލާހަށް ތާޢީދުކޮށްފި


ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭ ގޮތަށް "ސިޓިޒެންޝިޕް ޤާނޫނަށް" ހުށައެޅުއްވި އިޞްލާހަށް މެމްބަރުން ތާޢީދުކުރައްވައިފިއެވެ.

މި ބިލް މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ދިރާސާ ކުރެއްވުމަށް ވަނީ ފޮނުއްވަވާފައެވެ. ސިޓީޒެންޝިޕްގެ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީނެވެ. މުބީން ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް އެކަން ކުރެވޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނެފަވާއިރު، އެފަދަ ޤާނޫނެއް މިހާތަނަށް ވުޖޫދުގައި ނެތުންކަމަށެވެ. އެހެންކަމުން މިއީ ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނެ އިޖުރާތްތައް ބަޔާންކުރުމުގެ ގޮތުން ހުށައެޅުއްވި އިޞްލާހެއްކަމަށް މުބީން ވިދާޅުވިއެވެ.

މި އިޞްލާޙުގައި ވަނީ، ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ މީހާ، އިޤުރާރެއްގައި ސޮއިކުރަން ޖެހޭނެކަމަށާއި، ވަކި ޙާލަތްތަކެއްގައި އެ އިޤުރާރު ބަލައިނުގަތުމުގެ ބާރުވެސް އެ ޤާނޫނު ތަންފީޒު ކުރާ މިނިސްޓަރަށް ލިބިގެންވާކަމަށެވެ. އެ އިޤްރާރު ބަލައިނުގަނެވޭނެ ކަންކަމުގެ ތެރޭގައި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުމާއި، ދިވެހި ރާއްޖެ ހަނގުރާމައިގެ ޙާލަތުގައިވުމުގެ އިތުރުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޙާލަތްތަކުގައި ކަމަށެވެ. މި އިޞްލާޙުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ހުށައަޅާ ފަރާތަކީ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށްވެސް އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ.

ގިނަ މެމްބަރުން ވަނީ މި އިޞްލާހަށް އިތުރު މާއްދާތަކެއް ހިމެނުމަށް ޚިޔާލުފާޅުކުރައްވާފައެވެ. ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާއަށް 6 މަސް ދުވަހުގެ ތެރޭގައި އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާނަމަ އަނބުރައި ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީން ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.