ޚަބަރު

ތުރުކީވިލާތާއި ޔޫއޭއީއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ޚަރަދުވީ 3.4 މިލިއަން ރުފިޔާ


  • 15 ދުވަސްތެރޭ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހިއްސާކުރާނެ

  • ރައީސް އާއި ނައިބު ފަސްޓް ކްލާހުގައި ދަތުރުނުކުރައްވާނެ

  • ދެ ދަތުރުފުޅަކީވެސް ރަސްމީ ދަތުރުފުޅުތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެން ތުރުކީވިލަތަށާއި، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޚަރަދުވީ 3.4 މިލިއަން ރުފިޔާކަމަށް ރައީސުލްޖިމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ޤައުމަކަށް ވަޑައިގަތީ ތުރުކީވިލާތަށެވެ. އެއީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާންގެ ދަޢުވަތަށް ކުރެއްވި ރަސްމީ ދަތުރުފުލެކެވެ. އެއަށްފަހު އެމަނިކުފާނުވަނީ ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓުކަމަށްވާ މިއަހަރުގެ ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މިދެދަތުރުފުޅުގެ ތަފްސީލް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މި ދެ ދަތުރުފުޅަށް ދިވެހި ދައުލަތުން 3.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށެވެ.

ޝަހީބުވަނީ ތުރުކީވިލާތައި ޔޫއޭއީ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ޚަރަދުކުރެއްވި މިންވަރު ތަފްސީލްކޮށްދެއްވަމުން ޝަހީބު ވިދާޅުވީ ތުރުކީވިލަށް ވަޑައިގެންނެވި ވަފްދުގެ 22 ބޭފުޅުންގެ، އެތެރޭގެ ދަތުރުތަކާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަވާދެއްވީ ތުރުކީވިލާތުގެ ސަރުކާރުންކަމަށެވެ.

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި 19 ބޭފުޅުންގެ ތެރެއިން 10 ބޭފުޅެއްގެ ޚަރަދުތައް ހަމަޖައްސަވާދެއްވީ ޔޫއޭއީ ސަރުކާރުންކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ޓިކެޓް ޚަރަދާއި ޕޮކެޓްމަނީ އަދި އެނޫންވެސް ޚަރަދުތަކާއި އެޤައުމުތަކުން ހަމަޖައްސައި ދެއްވި ކަންކަމުގެ ތަފްޞީލުތައް ވެސް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބޭރު ދަތުރުފުޅުތަކުގައި ފަސްޓް ކްލާހުގައި ދަތުރުފުޅު ނުކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްޞީލުތައް ހާމަކުރައްވާފައިވާއިރު މި ދަތުރުފުޅުތަކުގައި ބޮޑެތި އިންވެސްޓްމަންޓް ފުރުޞަތުތައް ރާއްޖެއަށް ތަނަވަސްވެ، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ އެތަކެއް ކަންތައްތަކެއް ފަހިވެގެން ގޮސްފައިވެއެވެ.