ޚަބަރު

"ހުޅުމާލޭން ބިންލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިންދޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް"


  • އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ މިވާހަކަ ދޮގުކުރައްވާފައި

  • ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހުޅުމާލެ ފޭސް 3ވަނީ ހިއްކަން ފަށާފައި

  • ފޭސް 3ގައި ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައި

ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ ނޫހަކުން ވަނީ ހުޅުމާލެ-ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމުމާއި ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. މިކަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ދޮގުކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ، ހުޅުމާލެ ފޭސް 3 އަކުން ބިން ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރު ފަޅަށް އެޗްޑީސީން ބަދަލުކުރަން އުޅޭ ވާހަކައަކީ ހަޤީގަތާއި ޚިލާފު ވާހަކައެއްކަމަށެވެ.

ފުށިދިއްގަރު ފަޅު ޕްރޮޖެކްޓަކީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މިމަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް ކޮމިޓީ މަރުހަލާގައި މިފައިސާ އުނިކޮށް ބަޖެޓް މިވަނީ ފާސްކޮށްފައެވެ.

ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ހުޅުމާލެ ފޭސް ތިނެއްގެ ބިންހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. މިމަސައްކަތް ކުރަމުންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން "ސައިޓް އޭ" ހިއްކުމުގެ މަސައްކަތް ނިމި "ސައިޓް ބީ" ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. "ސައިޓް އޭ"ގެ މަސައްކަތުގައި 10 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި "ސައިޓް ބީ" ގައި 26 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ހިއްކަން ފަށާފައިވާ ސަރަޙައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށް ކުރީސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުން ދޭން ފަށާފައިވާ 9000 ގޯތީގެ ތެރެއިން 1351 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.