ޚަބަރު

"އަމާޒަކީ 5 އަހަރުތެރޭ މާލެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން"


  • އަމާން ދޯދި އިމާރާތްކުރަމުންދަނީ އެންބީސީސީން

  • މި ޓަވަރުގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓް ހުރޭ

އަމާޒަކީ މި ސަރުކާރުގެ 5 އަހަރުގެ ނިމިގެންދާއިރު މާލެ ސަރަހައްދުގައި އުޅޭ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެފްޑީސީން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެފްޑީސީގެ "އަމާން ދޯދި"އަކީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 32 ޓަވަރުގެ ތެރެއިން، އެންބީސީސީން އިމާރާތްކުރަމުންދާ ޓަވަރުތަކެވެ.

އަމާން ދޯދިގެ ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ބައްލަވާލެއްވުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްވެސް ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 4000 ރައްޔިތުން ބޯހިޔާވަހި ކަމަށް ކުރާ އުއްމީދު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މިކަހަލަ އެތައް މަޝްރޫއުތަކެއް ފެށިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"އަމާޒަކީ އަޅުގަނޑުމެންގެ މި 5 އަހަރުގެ ދައުރު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައިނުވާ އެއްވެސް އާއިލާއެއް އެއްވެސް ގޭބީސީއެއް ނެތުން. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ހުޅުމާލެ އެކަންޏެއް ނޫން ގުޅީފަޅާއި، ގިރާވަރު ފަޅާއި އެއީ އަޅުގަނޑުމެންގެ ކުރު މުއްދަތުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ތަންތަން. އޭގެ އިތުރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް މިސަރަހައްދަށް ބޭނުންވާނެ ގޯތިގެދޮރު އަޅުގަނޑުމެން ފުށިދިއްގަރު ފަޅު ހިއްކައިގެން ހާސިލްކޮށްދޭނަން." ވަޒީރު ވިދާޅުވިއެވެ.

އަމާން ދޯދި ޓަވަރުތަކުގައި 3 ކޮޓަރި އާއި 2 ކޮޓަރީގެ ޔުނިޓުތައް ހުރެއެވެ. އެކުންފުނިން ދައްކާލާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތައް ހުންނާނެގޮތުގެ ނަމޫނާއެވެ. މިއެޕާޓްމަންޓުތަކުގައި 2 ކޮޓަރި އާއި 2 ފާޚާނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ބެލްކަނިވެސް ހުރެއެވެ.

އެފްޑީސީން އަންނަނީ ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު ތަރައްގީކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ 1،200 ޔުނިޓާއި 3 ކޮޓަރީގެ 2،800 ޔުނިޓެވެ. އެންބީސީސީން އަޅަނީ މީގެ ތެރެއިން 2000 ހައުސިން ޔުނިޓެވެ. ބާކީ ހުރި ޓަވަރުތައް އަޅަނީ އިންޑިއާގެ ޖޭއެމްސީންނެވެ.