ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ޔޫނިއަން ބާލިން އަތުން ހޯދި މޮޅާއެކު ރެއާލް މެޑްރިޑުން ސައްތައިން ސައްތަ މޮޅުވުމުގެ ރިކޯޑަކާއެކު ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗާ ކުރިމަތިލި އިރުވެސް ރެއާލް އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެހެންކަމުން އެ ޓީމު މި މެޗާ ކުރިމަތިލީ ސްކޮޑަށް ބަދަލުތަކެއް ގެނެސްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޔޫނިއަން ބާލިންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ރެއާލަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް އެ ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ކުރިއަށް ފޮނުވާލި ޕެނަލްޓީ ޔޫނިއަން ބާލިންގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ނަމަވެސް އޭގެ މިނެޓެއް ފަހުން ޔޫނިއަން ބާލިންއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއީ އެ ޓީމުގެ ޖަރުމަނުގެ ފޯވާޑް ކެވިން ވޮލެންޑް ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު މެޗުގެ 61 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޯސެލޫއެވެ. ރެއާލުން ލީޑު ނެގި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ހޯސެލޫއެވެ.
ޔޫނިއަން ބާލިންއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗެކް ރިޕަބްލިކުގެ ފޯވާޑް އެލެކްސް ކްރަލްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ޑެނީ ސަބެއްލޯ ވަނީ އަނެއްކާވެސް ލީޑު ހޯދައިދީފައެވެ.
މި މޮޅާއެކު ރެއާލް ގްރޫޕް ސްޓޭޖު ނިންމާލީ ގްރޫޕުގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަ މެޗުންވެސް މޮޅުވެ 18 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ބާލިން އޮތީ ކުޅުނު ހަ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.