ޚަބަރު

މާފުށީ ޖަލުގައި ބަންދުގައި ހުރި ބޭރު މީހަކު މަރުވެއްޖެ


  • މަރުވެފައިވަނީ 59 އަހަރުގެ ޕީޓަރ ތޯމަސް ޑަސް ނަމަކަށް ކިޔާ ސްވިޓްޒަލެންޑް މީހެއް

  • އޭނާ ބަންދުކޮށްފައި ހުރީ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑްގެ ރައްޔިތަކު މިއަދު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ޕީޓަރ ތޯމަސް ޑަސް ނަމަކަށް ކިޔާ މީހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރި ގޮތުގައި ޕީޓަރ ތޯމަސް ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިވާކަމަށެވެ. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ނުލުމުން، އޭނާ ހިތްހުއްޓިގެން މަރުވީ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވެއެވެ.

ޕީޓަރ ތޯމަސްއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޕީޓަރ ތޯމަސް ޑަސް މަރުވުމާ ގުޅިގެން ކަރެކްޝަން ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށްވާ ކަރެކްޝަންއިން ހާމަކޮށްފައިވެއެވެ.