ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެމްބަރުން ވަކިވާގޮތަށް ތަރުތީބު ބަދަލުކުރުމަށް އާންމު ކޮމިޓީން ހުށަހެޅި ހުށަހެޅުން ފާސްނުކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް އާއްމު ކޮމިޓީން ނިންމައި، އެކަމާއި ބެހޭ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ މީގެ 3 އަހަރު ކުރިން 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. އެ ރިޕޯޓްގައިވާގޮތުން މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެެމްބަރުން އެއްކޮށް ތިއްބަވާގޮތަށް ބަދަލު ގެނައުމުން މެމްބަރުން ތިބޭނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާއްމު ކޮމިޓީން މީގެ 3 އަހަރުކުރިން ނިންމި ރިޕޯޓަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގަތް 44 މެމްބަރުންގެ ތެރެއިން 42 މެމްބަރުން އަޤްލަބިއްޔަތުން ފާސްވީ މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެންނަން ނުފެންނަކަމަށެވެ. މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެންނަން ފެންނަންކަމަށް ވޯޓް ދެއްވީ އެންމެ 2 މެމްބަރުންނެވެ.
މިހާރު މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެންމެ ކުރީގައި ތިއްބަވާ ގޮތަށެވެ. އަދި އޭގެ ފަހަތުން އަތޮޅުތަކުގެ ދާއިރާތައް ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ތަރުތީބުވާ ގޮތަށެވެ.