ލާމަރުކަޒީ ޤާނޫނު އޮތްގޮތުން ގދ. ތިނަދޫގެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖައެއް ދެވޭނެ ތަނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިހެން ވިދާޅުވީ ތިނަދޫގައި މިހާރު އޮތް ރަށު ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތަކާއި އެ ހައިސިއްޔަތު ވަގުތުން ލިބުމަށް ހުރި އިދާރީ އަދި ގާނޫނީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައިގައި ދެއްވި ޤާނޫނީ ލަފާގައެވެ.
ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތަކާއި އެ ހައިސިއްޔަތު ހޯދުމަށް ތިނަދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމި ރިޕޯޓްގައި ބުނެފައިވަނީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަމަށެވެ. އަދި ސިޓީގެ ދަރަޖަ ލިބުނީ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ. އެހެންކަމުން ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ރަށު ކައުންސިލަށް ލިބޭނެކަމާއި ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައިވާތީ އެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ވީ އެންމެ އަވަހަކަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަންވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
ނަމަވެސް ލާމަރުކަޒީ ކޮމިޓީގެ ނިންމުން ރަނގަޅު ނޫންކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލް ޖެނެރަލް ވަނީ ޤާނޫނީ ލަފާ ދެއްވާފައެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފާގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުންކަމަށެވެ. އަދި ހިނގަމުންދާ ދައުރުގެ ތެރެއިން ސިޓީއެއް އުފެދޭ ހާލަތުގައި އެ ސިޓީއަކަށް ސިޓީ ކައުންސިލެއް އުފައްދަން ގާނޫނު ލާޒިމް ނުކުރާ ކަމަށާއި، ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައެޅިޔަސް އެ ރަށު، ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ފިލްޒާ ވިދާޅުވިއެވެ.
ކައުންސެލަރ ޖެނެރަލްގެ ލަފަޔާއި ގުޅިގެން މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އެކަމުގައި ޤާނޫނަށް އިސްލާހު ގެނެސްގެން ހައްލު ތަކެއް ގެނެވޭނެކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވުމާއި ގުޅިގެން ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްގެން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވެން އޮތުމުން، އެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރީގެ ސަރުކާރުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރަޢާތުތައް އޭރު އޮތީ ފުރިހަމަނުކޮށްކަން ފާހަގަކޮށްލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުވެސް ވެރިކަމަށް އައީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ވަޢުދާއެކުކަމުން، އެ މަސައްކަތް ކުރިއަށްގެންދަން މި ސަރުކާރުންވެސް ވަނީ ނިންމަވާފައެވެ.