ކުޅިވަރު

މާޒިޔާ މެޗުން މޯހަން ބަގާންގެ ޒުވާން ކުޅުންތެރިންނަށް އުއްމީދެއް


އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޯހަން ބަގާން ސުޕަ ޖަޔަންޓުގެ ޒުވާން ކުޅުންތެރިންނަށް މުސްތަގުބަލުގައި ބޭނުންހިފޭނެ ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު ކްލިފޯޑް މިރަންޑާ ބުނެފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން މޯހަން ބަގާން ބަލިވިއިރު، މި ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓާފައެވެ. މާޒިޔާ މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި ނަމަވެސް، މިރަންޑާ ބުނީ މި މެޗުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެއް ކަމަށެވެ.

މިރަންޑާ ބުނީ މި ފެންވަރުގެ ތަޖުރިބާ މަދު ކުުޅުންތެރިންތަކެއް ގޮވައިގެން، ހޫނު ގަދަ ވަގުތެއްގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، މިއީ މި ސީޒަނުގައިވެސް މޯހަން ބަގާނުން ތިނެއް ޖެހިއިރު މެޗެއް ކުޅުނު ފުރަތަމަ ފަހަރު ކަމަށެވެ.

މޯހަން ބަގާންގެ ހެޑް ކޯޗާއި ސީނިއާ ގިނަ ކުޅުންތެރިން މި މެޗުގައި ބައިވެރިވެފައެއް ނުވެއެވެ. އެގޮތުން ރާއްޖެ އައި ޓީމުގައި ހިމަނާފައިވަނީ ކަލްކަތާ ލީގުގައި ކުޅެމުން އަންނަ އެ ކުލަބުގެ ރިޒާވް ޓީމުގެ ކުޅުންތެރިންނެވެ. މިކަމަށް ފާޑުކިޔުން އަމާޒުވުމުން މިރަންޑާ ވަނީ މެޗުގެ ކުރިން ދެއްކި ވާހަކަ ތަކުރާރުކޮށްފައެވެ.

މިރަންޑާ ބުނީ މި މެޗަށް ޒުވާން ކުޅުންތެރިން ގެނައީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިން އަނިޔާގައި ތިބުމުން ކަމަށާއި، ހެޑް ކޯޗުގެ ބަލި ހާލަތު ހުރި ގޮތުން ނުގެންނަން ނިންމީ ކަމަށެވެ. މިރަންޑާ ބުނީ މާޒިޔާއަށް ފުރިހަމައަށް އިހުތިރާމުކުރާ ކަމަށާއި، މޯހަން ބަގާނުން މި މެޗަށް ދަށް ޓީމެއް ގެނައީ މުބާރާތަށް އަދި މާޒިޔާއަށް އިހުތިރާމް ނުކުރާތީ ނޫން ކަމަށެވެ.

މި މެޗުގައި މާޒިޔާއިން ލަނޑެއް ޖެހި ނަމަވެސް މޯހަން ބަގާންގެ ކުޅުންތެރިންވެސް ވަނީ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.