ކުޅިވަރު

މޯހަން ބަގާން މެޗުގައި ހަތެއް ނޫނީ އަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނު: މިލޯ


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ހަތެއް ނޫނީ އަށް ވަރަކަށް ލަނޑު ޖަހާނެ ފުރުސަތު އެ މެޗުގައި ލިބިގެންދިޔަ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.

މިއީ 2017 ގެ ފަހުން މޯހަން ބަގާން އަތުން މާޒިޔާ މޮޅުވި ފުރަތަމަ ފަހަރެވެ. މާޒިޔާ ވަނީ މިހާތަނަށް ތިން ފަހަރު މޯހަން ބަގާން ބަލިކޮށްފައެވެ. އެންމެ ފަހުން މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރި ތިން ފަހަރުވެސް މެޗު ކާމިޔާބުކޮށްފައިވަނީ މޯހަން ބަގާނުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނީ މޯހަން ބަގާނުން މި މެޗަށް ދަށް ޓީމެއް ފޮނުވުމުން ގިނަ ލަނޑުތަކެއް ޖަހައި، އެ ޓީމަށް ފިލާވަޅެއް ދޭން ބޭނުންވި ކަމަށެވެ. އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާޒިޔާއިން ރަނގަޅު ފުޓްބޯޅައެއް ކުޅުން ކަމަށާއި، މެޗުން އެނގުނު ބައެއް ކަންތައްތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލް ރަނގަޅު ކުރެވިދާނެ ކަންކަން އެބަހުރިކަން ކަމަށްވެސް ވަނީ ބުނެފައެވެ.

މާޒިޔާ ކުޅުންތެރިންގެ ޕްރޮފެޝަނަލް ކުޅުން ފާހަގަކޮށް ޝުކުރު އަދާކުރަމުން ކޯޗު މިލޯ ބުނީ ކޮންމެ މެޗަކަށްވެސް އިހުތިރާމުކުރާ ކަމަށާއި، އޭއެފްސީ ކަޕަކީ ކޮންމެ ގައުމަކަށް ވިޔަސް އިހުތިރާމުކުރަން ޖެހޭނެ މުބާރާތެއް ކަމަށެވެ.

މި މެޗާއި ކުރިމަތިލިއިރުވެސް މާޒިޔާ އާއި މޯހަން ބަގާން ވަނީ މުބާރާތުން ކަޓާފައެވެ. އެހެންކަމުން މޯހަން ބަގާނުން މި މެޗަށް ގެނައީ އެ ކުލަބުގެ ރިޒާވް ޓީމުގެ 13 ކުޅުންތެރިންގެ ސްކޮޑެވެ. ޓީމުގެ ހެޑް ކޯޗު ޖުއާން ފެރާންޑޯ އާއި ސީނިއާ ގިނަ ކުޅުންތެރިން މި މެޗަށް ރާއްޖެ އައިސްފައެއް ނުވެއެވެ. އެހެންކަމުން ޓީމަށް އިރުޝާދު ދިނީ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކްލިފޯޑް މިރަންޑާއެވެ.