ޚަބަރު

ވިޔަފާރި އުޅަނދަކަށް އަމާޒުކޮށް ހޫޘީން މިސައިލް ޙަމަލާއެއް ދީފި


ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ފޮނުވާލި ކްރޫޒް މިސައިލެއް ވިޔަފާރި އުޅަނދަކަށް އަމާޒުވެ، އަލިފާން ރޯވުމުގެ ސަބަބުން އެ ބޯޓަށް ގެއްލުންތަކެއް ލިބިއްޖެއެވެ. އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޮޓޯ ޓްރާންސްޕޯޓް ސްޓްރިންޑާ ނަމަކަށް ކިޔާ ބޯޓަށް ހަމަލާދީފައިވަނީ ބާބް އަލްމަންދަބް ކަނޑުއޮޅިން އުތުރުން ގާތްގަނޑަކަށް 60 ނޯޓިކަލް މޭލު ދުރުންނެވެ. އެމެރިކާގެ ބޯޓެއް ކަމަށްވާ މޭސަން ވަނީ އެ ސަރަޙައްދަށް ގޮސް ޙޫޘީން ޙަމަލާ ދިން ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޔަހޫދީ އަސްކަރިއްޔާއާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ދެމެދު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ސަރަޙައްދީ ހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައި ޙޫޘީން އަންނަނީ ޔަހޫދީންނާ ގުޅުން އޮންނަ ބޯޓުތަކަށް ޙަމަލާތައް އަމާޒުކުރަމުންނެވެ. ޔަހޫދީންގެ ރަށްތަކަށް ރަތް ކަނޑުން ދަތުކުރާ ހުރިހާ ބޯޓަކަށް ޙަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރުވެސް ޙޫޘީން ވަނީ ދީފައެވެ. އަދި އެއީ ކޮންމެ ޤައުމެއްގެ ބޯޓެއް ނަމަވެސް ޙަމަލާ ދޭނެ ކަމަށާއި ޔަހޫދީންގެ ބަނދަރުތަކާ މުޢާމަލާތް ނުކުރުމަށް ބައިނަލްއަޤުވާމީ ހުރިހާ ބޯޓުދަތުރުކުރާ ކުންފުނިތަކަށް އިންޒާރުދީފައިވާ ކަމަށްވެސް ޙޫޘީން ބުނެއެވެ.