ޚަބަރު

އިންޓްރެސްޓް ކުޑަ ރޭޓްތަކުގައި ބޭންކުން ލޯނު ދޫކުރަން ފަށައިފި


ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން އިންޓްރެސްޓް ކުޑަ ރޭޓްތަކުގައި ލޯނު ދޫކުރަން ފަށައިފިއެވެ. ބީއެމްއެލް ލޯންތަކުގެ އިންޓްރެސްޓް ރޭޓް ދަށްކޮށް އެއަށް ޢަމަލުކުރުން ކުރިންވެސް ކަނޑައަޅާފައި ވަނީ އެޕްރިލްމަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. މިކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް ބޭންކިންގ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަދުން ފެށިގެން އިންޓްރެސްޓް ރޭޓް ކުޑަކުރުމާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރާ ބޭންކަށް ވެގެން ހިނގައްޖެކަމަށެވެ.

ބީއެމްއެލްގެ ހައުސިންގ ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން 2 އިންސައްތަ އަދި ޕާސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން 6 އިންސައްތަ ދަށްކުރިކަން ޢިއުލާން ކުރީ މިދިޔަ މާރިޗްމަހުއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ހައުސިންގ ލޯނުގެ ކުރީގެ އިންޓްރެސްޓް ރޭޓަކީ އެވްރެޖްކޮށް އަހަރަކަށް 11 އިންސައްތައެވެ. އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލާއެކު ހައުސިންގ ލޯންތަކަށް އިންޓްރެސްޓަށް ދައްކަންޖެހޭ ޢަދަދު އެވްރެޖްކޮށް އަހަރަކު 9 އިންސައްތައަށް ދަށްވާނެއެވެ. ބީއެމްއެލްގެ ޕާރސަނަލް ލޯނުތަކުގެ އިންޓްރެސްޓްގެ ގޮތުގައި އެވްރެޖްކޮށް އަހަރަކު 18 އިންސައްތަ މިހާތަނަށް އައީ ނަގަމުންނެވެ. ރޭޓަށް ގެނެވުނު ބަދަލާއެކު ޕާސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އަހަރަކު 12 އިންސައްތައަށް މި ވަނީ ދަށްވެފައެވެ.