ޚަބަރު

އެޑިއުކޭޝަން އިންފޮމޭޝަން ސިސްޓަމަށް އަހުލުވެރިކުރަނީ


އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމަށް ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމަކީ، ރާއްޖޭގެ ސްކޫލްތަކުގެ މަޢުލޫމާތާއި، ތަޢުލީމީ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ސިޔާސަތުތައް ތަންފީޒުކުރަމުންދާ މިންވަރު ބެލެހެއްޓުމާއި ތަފާސް ހިސާބު އެއްކުރުމުގެ ނިޒާމެކެވެ.އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާބެހޭ ވަކިވަކި މަޢުލޫމާތާއި ޓީޗަރުންނާއި ދަރިވަރުން ސްކޫލަށް ވެއްދުމާއި ރަޖިސްޓްރީކުރުމާއި ޓީޗަރުން ކްލާހުގައި ދުވަހުގެ ރަޖިސްޓްރީ މާރކު ކުރުމާއި އެކި މާއްދާތަކުން ދަރިވަރުން ނަތީޖާ ޙާސިލްކުރާ މިންވަރު ދެނެގަތުން ފަދަ ކަންކަމުގެ މަޢުލޫމާތު އެއްކުރެވިގެންދާނެއެވެ.

img:http://s4.psmnews.mv/images/660x400/14596911282163.jpg|އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙުމަދު ޝަފީޢު ދެއްކެވި ވާހަކަފުޅުގައި، މީގެކުރިންވެސް ރާއްޖޭގެ ސްކޫލްތަކުގައި ތަފާތު އެކި ގޮތްގޮތަށް މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަން ކުރައްވާފައިވަނީ މެނުއަލްކޮށް ކަމަށްވުމާއެކު، ބައެއް ފަހަރު މަޢުލޫމާތު ހޯއްދެވުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭކަން ޝަފީއު ފާހަގަކުރެއްވިއެވެ. އަދި މިހާރު އަލަށް ޤާއިމްކުރައްވަން އުޅޭ ނިޒާމުގެ ސަބަބުން، ހަރުދަނާ ގޮތެއްގައި ތަފާސް ހިސާބުތައް ބެލެހެއްޓި ފަސޭހަކަމާއެކު ބޭނުންކުރެވިގެންދާނޭ ކަމަށް ޝަފީޢު ވިދާޅުވިއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނެސްކޯގެ އެހީތެރިކަމާއެކު 3 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ ޕްރޮގްރާމެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14596911399252.jpg|އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން މި ޓްރެއިނިންގެ ފުރަތަމަ ޕްރޮގްރާމް ހިންގަވަނީ ޕައިލެޓް ޕޮރެޖެކްޓެއްގެ ގޮތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްގައި، މިވަގުތު ސްކޫލްތަށް އެކަނި ހިމެނުނު ކަމުގައިވިޔަސް، ކުރިޔަށް އޮތް ތަނުގައި މަތީ ތަޢުލީމް ދޭ މުއައްސާސަތައްވެސް މީގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މި ސިސްޓަމް ބޭނުންކުރެވޭ ވަރަށް މުވައްޒަފުން ތަމްރީނުކުރެއްވުމެވެ. މިނިޒާމުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތު ރައްކާކުރައްވާފައި ހުންނާނީ ރާއްޖޭގައި އެކަމަށް ކަނޑައަޅާ ޚާއްޞަ ސަރވާއެއްގައި ކަމަށާއި މަޢުލޫމާތު އަހަރުން އަހަރަށް އަޕްޑޭޓްކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިޒާމުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތު ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ޙިއްސާކުރައްވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްތަކަކީ އެޑިއުކޭޝަން މިނިސްޓްރިއާއި ޔުނެސްކޯ ގުޅިވަޑައިގެން ހިންގަވާ ޕްރޮގްރާމެކެވެ.