ކުޅިވަރު

ކަޒަކްސްތާން މުބާރާތުން ނަބާ އާއި ނަބީއަށް ލޯ މެޑަލް


އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސްއިން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އާއި އާމިނަތު ނަބީހާ (ނަބީ) ލޯ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުން ނަބާ އާއި ނަބީއަށް ލޯ މެޑަލް ލިބުނީ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ދަތުރުކުރުމުންނެވެ. އެގޮތުން ސެމީ ފައިނަލުގައި ނަބާ ވާދަކޮށްފައިވަނީ ފިލިޕީންސްގެ ޑި ގުޒްމާން މިކައެލާ ޖޯއާއާއެވެ. އެ މެޗުން ނަބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-6 އަދި 21-6 އިންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީގައި ނަބީ ވާދަކޮށްފައިވަނީ އިންޑިއާގެ އަރުންދަތީ ނާގަރާޖާއާއެވެ. އެ މެޗުން ނަބީ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 21-17 އިންނެވެ.

މި މެޑެއްޔާއެކު ނަބާ އާއި ނަބީއަށް ރޭންކިންގައި ކުރިއަށް ޖެހިލަން ފުރުސަތު ފަހިވިއިރު، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަައިޖީ) ގެ އަންހެން ޑަބަލްސްއިން ރަން މެޑަލް ހޯދި ނަބާ އާއި ނަބީގެ ޕެއާ ވަނީ މިދިޔަ މަހު ބޭއްވި ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. އަދި ނަބާ ވަނީ އޮސްޓްރޭލިއާގައި އޮކްޓޯބަރު މަހު ކުރިއަށްދިޔަ ސިޑްނީ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސްއިން ލޯ މެޑަލް ހޯދާފައެވެ.