ވިޔަފާރި

އަމާޒަކީ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ރާއްޖެ ހެއްދެވުން


ސަރުކާރުގެ އަމާޒަކީ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ރާއްޖެ ހެއްދެވުންކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމްއައިބީގެ ތިނަދޫ ބަރާންޗް ހުޅުއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޖިހާދު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ފަށްޓަވާފައިވާ، އިސްލާމިކް ފައިނޭންސް ސެންޓަރ ވުޖޫދަށް ގެންނަވައި ތަރައްޤީވެގެން ދިއުމާއެކު އިސްލާމިކް ފައިނޭންސިންގގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިގެން ދާނެކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވުމުން ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ އިސްލާމިކް ފައިނޭންސިގގެ ހަބަކަށްވުމުގެ ފުރުޞަތު ބޮޑުކަމަށް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަފިޔަވަހީގެ ބިމުގެ ސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ ފައިނޭންސް ސެންޓަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ އެ ސެންޓަރު ބިނާކުރެވޭނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ކަމަށެވެ.

އިސްލާމިކް ފައިނޭންސިންގގެ ދާއިރާ، ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރު ކުރައްވާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްތައް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެދާއިރާއިން މަތީތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވާ ދަރިވަރުންވެސް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށް ޖިހާދު ވިދާޅުވިއެވެ.