ޚަބަރު

ފެނުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް


މާލޭގެބައެއް ޢިމާރާތްތަކުގެ ތިންވަނަ ފަންގިފިލައިން މަތީގެ ބައިތަކަށް މިވަގުތު ފެން ލިބުމުގެސްޕީޑް ދަށްވުމުގެ މައްސަލަ މިއަދުން މިއަދަށް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުވިދާޅުވެއްޖެއެވެ.

މިމައްސަލަ ދިމާވިނަމަވެސް އެއްވެސް ގެއަކުން މުޅިން ފެން ކެނޑިގެން ނުދާނެކަމަށްފަޒުލް ވިދާޅުވިއެވެ. މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިއުއެސްސީންހާމަކުރެއްވި ގޮތުގައި މި މައްސަލަ ދިމާވީ އިއްޔެ މާލެއިން ކަރަންޓް ކެނޑުމާގުޅިގެން، އެކުންފުނީގެ ބޯހޯލްތަކާއި، ޑިސްޓްރިބިއުޝަން ޕަމްޕުތަކަށް ދިމާވިޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މިކަން ޙައްލުކުރުމަށް ހުއްޓުމެއްނެތި މަސައްކަތްކުރަމުން ގެންދަވާކަމަށެވެ. މިކަމަށް ޙައްލެއްގެނައުމަށް ރާއްޖެއިން ބޭރުން އެއްވެސް އެއްޗެއް ގެންނަޖެހޭ ފަދަ ޙާލަތަކަށް ނުދާކަމަށާއި ކުންފުނީގެ އިންޖިނިއަރުންނަށް މިކަން ޙައްލުކުރެވޭނެ ކަމަށްވެސް އެމްޑަބްލިޔޫއެސްސީން ބުނެއެވެ.

 މާލޭގެބައެއް ޢިމާރާތްތަކުގެ ތިންވަނަ ފަންގިފިލައިން މަތީގެ ބައިތަކަށް މިވަގުތު ފެންލިބުމުގައި ހުރި ދަތިތަކާ ގުޅިގެން މާލެއަށް ބޭނުންވާ ފެން ހުޅުމާލެއިން ގެނައުމުގެ މަސައްކަތް ސިފައިން ވަނީފަށްޓަވާފައެވެ. ސިފައިންގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް އެހީތެރިވުމުގެ ގޮތުން ފެން ގެނައުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވެވަޑައިގަންނަވަމުންގެންދަވާ ކަމަށެވެ. އަދި މިހާތަނަށް 30 ވަރަކަށް ޓަނުގެ ފެން މާލެ ގެނެވިފައިވާކަމަށް ވިދާޅުވިއެވެ. ހުޅުމާލެއިން ދޯންޏަށް ފެން ބަރުކޮށްގެން ގެންނަނީ ކަޅުހަމުގައެވެ. މި މަސައްކަތް ސިފައިން ފަށްޓަވާފައިވަނީ ރޭ ދަންވަރު 03:00 ހާއިރުއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިގޮތުގައި ސިފައިން ހުޅުމާލެއިން ފެން ގެނެސްދެއްވަނީ އެކުންފުނީގެ އެދިވަޑައިގަތުމަކަށް އެ ކުންފުނީގެ ސްޓޯރޭޖަށް ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ ފެނުގެ ދަތިކަން ރައްޔިތުންނަށް ދިމާވުމުގެފުރުޞަތު ކުޑަކުރުންކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މާލޭގައި އެ ކުންފުނީގެ ފެން ޕްލާންޓްތަކުން ފެން އުފައްދަމުން ގެންދަވާކަމަށާއި އަދި މާލޭގެ އޭރިޔާތަކަށް ފެން ފޮނުވުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާކަމަށް ފަޒުލް ވިދާޅުވިއެވެ. އެހެންނަމަވެސް ފެން ފޮނުވައިދެވޭ ސްޕީޑަށް މިފަދަ މައްސަލައެއް ދިމާވެގެން އުޅޭއިރު، މިފަދަ މައްސަލައެއް ދިމާނުވާއިރާ އެއްވަރަށް ބޭނުންކުރުމުގެ ބަދަލުގައި ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ބޭނުންކުރަންޖެހޭ ވަގުތުތަކުގައި ފެން ބޭނުންކުރަމުންގެންދިއުމަށްވެސް ފަޒުލްރަޝީދު އިލްތިމާސްކުރައްވައެވެ.