ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ފުޓްބޯޅަ ވަރުގަދަކުރަން ކުރާ މަސައްކަތުގައި ކުރިއެރުން ފެންނައިރު، ރާއްޖޭގައި އެފަދަ ކަންކަން ރަނގަޅު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިލޯ ވަނީ ދިވެހި ފުޓްބޯޅައިގެ ކުރިމަގާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ.
މިލޯ ބުނީ ރާއްޖޭގައި ތިބީ ސަރަހައްދީ ފެންވަރަށް ބަލާއިރު ވަރުގަދަ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ. އެގޮތުން އެންމެ ފަހުން އޭއެފްސީ ކަޕުގައި ބަންގްލަދޭޝް ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުން ޔަގީންވި އެއް ކަމަކީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ބަންގްލަދޭޝަށް ވުރެ ރަނގަޅު ކަމަށާއި، ދެން މަސައްކަތްކުރަންވީ ހުރި މައްސަލަތައް ހައްލުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނީ އެ މައްސަލަ ހުރި ކަންކަން ރަނގަޅުކޮށްގެން ކަމަށްވެސް މިލޯ ބުންޏެވެ.
މާޒިޔާއިން މިފަހަރުގެ އޭއެފްސީ ކަޕާއި ކުރިމަތިލީ ނިސްބަތުން ބަލާއިރު ރާއްޖޭގައި މިވަގުތު ތިބި އެންމެ ވަރުގަދަ ކުޅުންތެރިންނާއެކުއެވެ. ނަމަވެސް ގްރޫޕް ސްޓޭޖު ނިންމާލަން ޖެހުނީ ފުލުގައެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މިލޯ ބުނީ ރާއްޖޭގައި ވާދަވެރި ލީގެއް ނެތި އޭއެފްސީ ކަޕް ފަދަ ބައިނަލްއަގުވާމީ މުބާރާތެއްގައި ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ.
އޭއެފްސީ ކަޕް ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާން ލިބެންޖެހޭ ފަދަ ވަރުގަދަ މެޗުތަކެއް ރާއްޖޭގެ ފުޓްބޯޅައިގައި ނުލިބޭ ކަމަށާއި، އެއީ ޓީމުގެ ލެވަލް މަތިކުރަން ބަލާއިރު ގެއްލުމެއް ކަމަށެވެ. އަދި މިއީ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފަހަރުގެ މުބާރާތުގައި މާޒިޔާއާ ދެކޮޅަށް މޯހަން ބަގާން ކުރިމަތިލާއިރު، އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުން މާލޭގައި 3-1 އިން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކުރި ނަމަވެސް ދެން ކުޅުނު ހަތަރު މެޗުން ބަލިވެ، ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. މާޒިޔާ ކެޓީ ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަޝުންދަރާ އަތުން 2-1 އިން ބަލިވުމުންނެވެ.
މާޒިޔާ ހިމެނޭ ގްރޫޕް ޑީގެ އެއްވަނައިގައި ފަސް މެޗުން 10 ޕޮއިންޓާ އެކު އޮތީ ބަޝުންދަރާއެވެ. ދެވަނައިގައި އޮތީ އޮޑިޝާ އެފްސީއެވެ. އޮޑިޝާ އަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މޯހަން ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް މާޒިޔާއަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.