ފުޓުބޯޅަ

ބާސާގެ ދަނޑުގައި ރިއަލްއިން ބާސާ ބަލިކޮށްފި


ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރިއަލް މެޑްރިޑުން ބާސެލޯނާގެ މައްޗަށް ކުރި ހޯދާ, ލީގު ހޯދުމަށް ރިއަލް މެޑްރިޑުން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗް ރިއަލް މެޑްރިޑުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ބާސެލޯނާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޖެރާޑް ޕީކޭއެވެ. މެޗްގައި ރިއަލް މެޑްރިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަރީމް ބެންޒިމާއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ރިއަލް މެޑްރިޑަށް މެޗުން ތިން ޕޮއިންޓް ހޯދައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަށްޑިހަ ފަސްވަނަ މިނެޓްގައި ރޮނާލްޑޯ މި ލަނޑު ޖެހުމުގެ ކުރިން އެ ޓީމުގެ ޑިފެންޑަރ ސާރޖިއޯ ރާމޯސްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. 

މި މެޗާއެކު ބާސެލޯނާ މި ސީޒަންގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. އެ ޓީމުން ވަނީ މި ސީޒަންގައި ބަލިނުވެ 39 މެޗް ހަމަކޮށްފައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރިއަލް މެޑްރިޑް ވަނީ 69 ޕޮއިންޓް ލިބިގެން ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ 7 ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. ބާސެލޯނާ އޮތީ ލީގު ތާވަލްގެ އެއްވަނާގައި 76 ޕޮއިންޓާއެކުއެވެ.