ޚަބަރު

އައު ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި


  • ކޮމިޓީން ފާސްކުރީ މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށް

  • ވަޒީރުންގެ ގޮތުގައި ފޮނުވާފައިވާ ބޭފުޅުންގެ މައްސަލައެއް ހުރިކަމަށް ކޮމިޓީއަކަށް ނުފެނޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުން ނިންމަވާފައިވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހައިގެން ރުހުންދޭގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރުން ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެމަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ވަޒީރުންގެ މަޖިލީހަށް ރުހުންދީ އެފުރުސަތު މަޖިލީހުން ދެއްވަން ޖެހޭނެކަމަށެވެ.

އަދި ކޮމިޓީގެ ޒިންމާއަކީ ވަޒީރުންގެ ގޮތުގައި ހަމަޖައްސަވާ ބޭފުޅުންނަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީރެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ޝަރުޠުހަމަވާ ބޭފުޅެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ 22 ވަޒީރުންގެ ނަންފުޅުގެ ތެރެއިން ޑުއަލް ޕާސްޕޯޓު ނުވަތަ އެހެން ޤައުމެއްގެ ރައްޔިތުކަން އޮތްތޯ ނޫންތޯ ކަށަވަރުކުރުމަށް މަޖިލީހުގެ ކޮމިޓީން އެދިވަޑައިގަތުމުން އެކަން ސާފުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމަޢުލޫމާތު މަޖިލީހުގެ ކޮމިޓީއާއި ހިއްސާކުރައްވާފައިވާކަމަށެވެ.

އެހެންކަމުން މިހުރިހާކަމަކަށް ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުންވަނީ ނިންމަވާފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުވަނީ ވަޒީރުންނަށް ރުހުންދިނުމަށް ބާއްވާ ޖަލްސާގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އަހާ ރުހުން ދިނުމަށް ހުށައަޅުއްވާފައެވެ. ކޮމިޓީއިންވަނީ މެމްބަރު ޝިފާއުގެ ނިންމުމަށް ތާޢީދުކުރައްވާ އެގޮތަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައެވެ.

ރައީސްގެ ކެބިނެޓަށް ރުހުން ދިނުމަށްޓަކައި އެބޭފުޅުންގެ ކުށުގެ ރިކޯޑާއި، އެހެން ޤައުމެއްގެ ރައްޔިތުކަން އޮތްތޯ ބެލުމާއި، ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ބަލަމުންދޭތޯއާއި އަދި އެބޭފުޅުންގެ ސާބިތު ދަރަންޏެއް އޮތްތޯ ބަލާފައިވާ ކަމަށް ކޮމިޓީންވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ހޯދުމަށް ހުށައަޅުއްވާފައިވާ އެއްވެސް ބޭފުޅެއްގެ އެފަދަ މައްސަލައެއް ކޮމިޓީއަށް ފާހަގަވެފައި ނުވާކަމަށްވެސް ކޮމިޓީގެ މެމްބަރުންވަނީ ވިދާޅުވެފައެވެ.

ރައްޔިތުންޖެ މަޖިލީހުގައި ނުނިމި ހުރި މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމާއެކު އެމަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދިގުދަންމާލުމަށް މަޖިލީހުންވަނީ ނިންމާފައެވެ. އެހެންކަމުން މިހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް އެޖެންޑާ ކުރާނެކަމަށް ބެލެވެއެވެ.