ހދ. ނެއްލައިދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް އެރަށުގައި ޤާއިމުކުރި ޕޯސްޓެކެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނެއްލައިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެއްލައިދޫގައި މި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ފުލުހުން ގާއިމުވެތިބެ، ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދޭން މިހާރުވަނީ ފަށާފައެވެ.
އަދި މީގެ ސަބަބުން އެކުވެރި މާޙައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް، މައްސަލަތަކަށް ޙައްލުހޯދުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެގެންދެއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބައެއް އާއްމުންވެސް ބައިވެރިވިއެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ތިބި ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތަކުގެ ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއީ ރައްރަށުގައި ކުށް މަދުކޮށް، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރިއަށްގެންދާ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތުން ފާހަގަކުރައްވައެވެ.