"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ތެރެއިން، ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ނިމުމުގެ ކުރިން، ކޮންމެވެސް ޢަދަދަކަށް ކުދިން ވަގުތީ ގޮތުން އާއިލާތަކަށް ބަދަލުކުރަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ދާއިމީ އާއިލާއެއް ހޯދެންދެން، އެ ކުދިންނަށް އާއިލީ ލޯބީގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ދިނުމަށް ހިންގަން ނިންމަވާފައިވާ ޕްރޮގްރާމެކެވެ.
ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފުރަތަމަ 14 ހަފްތާގެ ތެރޭގައި އިޖްތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކެވެ.
އެކި ހާލަތްތަކާއިގުޅިގެން މިވަގުތުވެސް ދަޢުލަތުގެ ބެލުމުގެދަށުގައި 18އަހަރުން ދަށުގެ 160އަށްވުރެ ގިނަ ކުދިން އެބަތިބިއެވެ. ސަރުކާރުގެ ޢަމާޒަކަށްވަނީ، އެއްވެސް ކުއްޖަކު މުޖުތަމަޢުން ބާކީ ނުވެ، ކޮންމެ ކުއްޖަކީވެސް އާއިލީ ލޯތްބާއި މުޖުތަމަޢުގެ އަޅާލުމާއި އޯގާތެރިކަމުގެ ތެރެއިން ބޮޑުވާ ކުއްޖަކަށް ވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި މަސައްކަތުގެދަށުން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ މަސައްކަތް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ފައްޓަވާފައެވެ. މިޕްރޮގްރާމަކީ، ކުއްޖާގެ އުފަން އާއިލާއަށް ކުއްޖާ ނެގުމުގައި ހުރަސްތައް ހުރި ކުދިންނަށް، ވަގުތީ އާއިލީ ވެއްޓެއް ފަހިކޮށްދިނުމެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު އާމިނަތު ނަމްޒާ ވިދާޅުވީ، މިކަން ކުރިއަށްގެންދާނެގޮތުގެ ސިޔާސަތު ކަރުދާހަށް ތިރިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މިކަމާއި ގުޅޭ ސިޔާސަތު ވަޒީރުންގެ މަޖިލީހަށް ހުށައަޅާ، ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ސަރުކާރުގެ ޢަމާޒަކީ ހަފްތާ 14 ނިމުމުގެ ކުރިން، ކޮންމެވެސް ޢަދަދަކަށް ކުދިން، ވަގުތީ އާއިލާތަކަށް ބަދަލުކުރުން ކަމަށް ނަމްޒާ ވިދާޅުވިއެވެ.
މިޕްރޮގްރާމްގައި ދާއިމީ ބެލެނިވެރިކަން އަދި ވަގުތީ ބެލެނިވެރިކަން ހަވާލުކުރުމުގެ ބައިތައް ހިމެނެއެވެ. ނަމްޒާ ވިދާޅުވީ، މިޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އާއިލީ ވެއްޓެއްގެ ތެރެއިން ކުދިންނަށް ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ. ވަގުތީ އާއިލާއަކީ، ކުއްޖާއަށް ދާއިމީ އާއިލީ ވެއްޓެއް ލިބެންދެން ފައިކޮށްދެއްވަން ނިންމާފައިވާ ފުރުޞަތެއްކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކަށްވަނީ އެކުދިން ދާއިމީ އާއިލާއަށް ރުޖޫޢަކުރެވެންދެންވެސް، މިހާރުން މިހާރަށް ކުދިންނަށް ބޭނުންވާ އަޅާލުން ދިނުމަށް އާއިލާއެއް ހޯދައިދިނުން. ދައުލަތުން ބަލަހައްޓަނީ ވަރަށް ރަނގަޅަށް. އެކަމަކު އާއިލާއެއްގެ ލޯތްބާއި ދިރިއުޅުމުގެ ތެރެއިން ކުދިންނަށް ލޯތްބާއި، ވަރަށް ގިނަ ކަންކަން އެބަ ފަހިވޭ. މުޖުތަމަޢުގެ އެހެން ކުދިންނެކޭ އެއްގޮތަށް އެ ފުުޞަތު ފަހިކުރުން، މަޤުޞަދަކީ." ނަމްޒާ ވިދާޅުވިއެވެ.
އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސީނިއަރ ލީގަލް ކައުންސިލަރ އާއިޝާތު އިފާދާ ވިދާޅުވީ. "ކޮންމެ ކުއްޖަަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ވަގުތީ އާއިލާއެއް ހޯދައިދިނުމަށް ހިންގާ ޕްރޮގްރާމެއް ނަމަވެސް، ދާއިމީ ބެލެނިވެރިކަމަށް ދާން ބޭނުންވާ އާއިލާތަކަށް އެ ފުރުޞަތު ދޭނެކަމަށެވެ. ވަގުތީ އާއިލާއެއް ހޯދައިދިނުމުގައި، ކުދިން ހަވާލުކުރާނީ ވަގުތީ އާއިލާއާއިއެކު އެއްބަސްވެވޭ ވަކި މުއްދަތަކަށެވެ. ނަމަވެސް ދާއިމީ ފޮސްޓަރިންއަށް ދާން ބޭނުންވާ ނަމަ، ކޯޓު މަރުހަލާގެދަށުން، ކުއްޖާގެވެސް މަސްލަޙަތު ހިމެނޭގޮތަށް އެކަން ކުރުމުގެ މަގު ސަރުކާރުން ފަހިކޮށްދެއްވާނެކަމަށެވެ.
އިފާދާ ވިދާޅުވީ، ވަގުތީ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތްވެސް ގެންދާނީ، ޝަރީޢަތުގެތެރެއިން، ކުއްޖާގެ ބެލެނިވެރިކަމުގެ ފުރިހަމަ ޙައްގު ލިބޭގޮތަށް ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތުގައި ކުއްޖާގެ އަސްލު އާއިލާއާއި ބައްދަލުކުރާނެ އުސޫލުތަކެއްވެސް ކޯޓު މަރުހަލާގައި ހިމެނޭނެ ކަމަށެވެ.
"ކުއްޖާ ހަވާލުކުރާނީ ޝަރުޢީ ކޯޓަކުން، ޝަރުޢީ ހުކުމަކުން. ކުއްޖާގެ އަދި، ވަގުތީ އާއިލާގެ އަސާސީ ޙައްގުތައް ކަށަވަރުކުރެވޭ ގޮތަށް. އުފަން އާއިލާއާއި އަލުން ހަވާލުކުރާނަމަ، އެކަންވެސް ގެންދާނީ ޝަރީއަތަށް ގޮސްގެން." އިފާދާ ވިދާޅުވިއެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު އާމިނަތު ނަމްޒާ ވިދާޅުވީ، މި މަސައްކަތަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ހިންގާނެކަމަށެވެ. އަދި ކުއްޖާ އާއިލާއަށް ނެގުމުގެ މަސައްކަތަކީ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރެވޭނެ ކަމެއްގެ ގޮތުގައި ހަމަޖައްސަވާނެކަމަށެވެ.