ޚަބަރު

"ކްލާސާ" ފިހާރައިގައި މީހަކަށް ޙަމަލާދީ މަރާލި މައްސަލައިގައި 2 މީހަކަށް ދަޢުވާކުރަން ފޮނުވައިފި


  • މި ހާދިސާގައި މަރުވެފައިވަނީ ސ.ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދުދީދީ

  • މި ޙާދިސާ ހިނގީ މިއަހަރުގެ ފެބްރުއަރީ 24ވަނަ ދުވަހު

  • ދަޢުވާކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށަށް

މާފަންނު މުރަނގަމަގުގައި ހުންނަ "ކްލާސާ" ފިހާރައަށް ބަޔަކު ވަދެ ތޫނުއެއްޗަކުން ޙަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިއަހަރުގެ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ހިނގި މި ޙާދިސާގައި މަރުވެފައިވަނީ، ސ.ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދުދީދީއެވެ. "ކްލާސާ" ފިހާރަޔަށް ބަޔަކު ވަދެ، އޭނާއަށް ތޫނުއެއްޗަކުން ޙަަމަލާދީ ޒަޚަމްކޮށްލީ އެރޭގެ 21:30ހާއިރުއެވެ. އޭނާ މަރުވީ، ޙަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މިމައްސަލައިގައި ދަޢުވާކުރަނީ، ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. ޕީޖީން ވިދާޅުވީ، މިދެމީހުންގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުކަމަށެވެ.

މި ދެމީހުންގެ މައްޗަށް ދަޢުވާ ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.