ޖަރުމަން ލީގުގައި ރޭ އެއިންޓްރެކްޓް ފްރެންފަޓް އަތުން ބަލިވެ، މި ސީޒަނުގެ ލީގުގައި ފުރަތަމަ ފަހަރަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.
މި ސީޒަންގެ ލީގުގައި ފޯމު ދަށްވެފައިވާ ބަޔާން ކޮޅަށް މި މެޗުގެ ފުރަތަމަ 30 މިނިޓުގެ ތެރޭގައި ފްރެންކްފަޓުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެކަމަކު ރޭ ކުޅުނު މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބަޔާނުންނެވެ. ނަމަވެސް މި މެޗުގައި ފްރެންކްފަޓުން ލީޑު ނެގީ މެޗުގެ 12 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮއްދިނީ އޮމަރު މަރްމޯޝްއެވެ.
މި މެޗުގައި ފްރެންކްފަޓުން ލީޑު ފުޅާކުރީ މެޗުގެ 31 ވަނަ މިނިޓުގައި އެރިކް ޖޫނިއާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނިޓުފަހުން ފެރެންކްފަޓުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހޫގޯ ލާސަންއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރިއެވެ. އެގޮތުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޝުއާ ކިމިކްއެވެ.
މި މެޗުގައި އެރިކް ޖޫނިއާގެ ދެވަނަ ލަނޑާއެކު ފްރެންކްފަޓުން ހަތަރުވަނަ ލަނޑެއް ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ޖެހީ އަންސްގާ ނައޫފްއެވެ. ރޭގައި މެޗަކީ ލީގުގައި ކުޅުނު 12 މެޗަށްފަހު ބަޔާން ބަލިވި ފުރަތަމަ މެޗެވެ.
ރޭގެ މެޗުން ބަޔާން ބަލިވިއިރު، 2019 ވަނަ އަހަރުގެ ލީގުގައިވެސް ފްރެންކްފަޓުން ވަނީ ހަމަ މި ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ރޭގެ މެޗުން ބަލިވުމާއެކު ބަޔާން ލީގު ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނާގައި އޮތް ބަޔާ ލެވަކޫސެން އަށްވުރެ ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. އަދި ރޭ ހޯދި މޮޅާއެކު ފްރޭންކްފަޓް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށްޖެހިލާފައެވެ.