ތަޢުލީމު

އޯޓިޒަމާއި ގުޅޭގޮތުން ޕްރީ ސްކޫލް ޓީޗަރުން ހޭލުންތެރިކުރުން


މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީސް ސްކޫލުން ޓީޗަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން އިންތިޒާމްކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ ގުޅިވަޑައިގެންނެވެ. އޯޓިޒަމް ދުވަހާއި ގުޅުވައިގެން، ޕްރީ ސްކޫލް ޓީޗަރުންނަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އޯޓިޒަމްގެ ހާލަތާއި ގުޅޭގޮތުން ބައިވެރިންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތުދެއްވާފައިއެވެ. އެގޮތުން އޯޓިޒަމްގެ އަލާމާތްތައް ދެނެގަންނާނެގޮތާއި، އެފަދަ ކުދިންނާއި މުއާމަލާތްކުރުމުގައި ޓީޗަރުން ސަމާލުކަން ދެއްވަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވާފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ ފާއިޒް ވިދާޅުވީ، އޯޓިޒަމް ދުވަހާއި ގުޅިގެން ޕްރީ ސްކޫލް ޓީޗަރުންނަށް ޚާއްސަކޮށްގެން މިފަދަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، އޯޓިޒަމްގެ އަލާމާތްތައް އެންމެ ފަސޭހައިން ދެނެގަނެވޭނެ އުމުރުފުރާއަކީ ޕްރީ ސްކޫލް އުމުރުފުރާ ކަމަށްވެފައި، އެ އުމުރުގައި ކުއްޖާއަށް ބޭނުންވާ އެންމެ ފުރިހަމަ ތަޢުލީމު ދެވޭނީ، އޯޓިޒަމްއަކީ ކޮބައިކަމާއި، އެފަދަ ކުދިން ގެންގުޅޭނެ ގޮތުގެ އެންމެ ފުރިހަމަ މަޢުލޫމާތު ޓީޗަރުންނަށް ދެވިގެންވާތީކަމަށެވެ.

ޑރ. ރަޒާނާ ވިދާޅުވީ، ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޭނުންވާ ފުރިހަމަ އަޅާލުމާއި އެހީތެރިކަން ލިބުމުން އޯޓިޒަމް ހުންނަ ކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން ތޫނުފިލި މޮޅު ކުދިންތަކަކަށް ހެދިދާނެކަމަށެވެ. އެހެންކަމުން އެފަދަ ކުދިންނަށް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ އުސޫލުކުން ކަންކަން ކުރުމަށް ސަމާލުވުމަށް ޑރ. ރަޒާނާ އިލްތިމާސްކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ޓީޗަރުންގެ ފަރާތުން ޕީ.އޭސް.އެމްއާއި ވާހަކަދެއްކި ބައިވެރިއަކު ބުނީ، އޯޓިޒަމް ކުދިންނާއި ގުޅޭގޮތުން ޓީޗަރުންނަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ނުލިބުމުގެ ސަބަބުން، އެކަމާއި ގުޅޭގޮތުން ޓީޗަރުން އެންމެ ފުރިހަމައަށް ހޭލުންތެރިވެފައި ނުވާކަމަށެވެ. އަދި މިފަދަ ބައްދަލުވުމެއްގެ ސަބަބުން، އެފަދަ ކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދިޔަކަމަށެވެ. ހެލްތް މިނިސްޓްރީގައި ކުރިއަށްގެންދިޔަށް މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ 11 ޕްރީ ސްކޫލެއް ހިމެނޭހެން 21 ޓީޗަރުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެގޮތުން އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުންވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.