ޚަބަރު

"ހިއުމަން ރައިޓްސް 75"ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް


  • މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހު

  • މަތީ ފަންތީގެ މަޝްވަރާތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ

"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިރޭ ސުވިޓްސަލެންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.

މިއީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަމަ މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ޙައްޤުތަކުގެ މުސްތަޤްބަލު، ތިމާވެށި އަދި މޫސުން" މި މައުޟޫތަކަށް ޚާއްޞަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހުއެވެ.